އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމާ ގުޅޭ ތަމްރީނު ޕްރޮގްރާމެއް ހދ. ކުޅުދުއްފުށީގައި ކުރިއަށް ގެންގޮސްފިއެވެ.
މި ޕްރޮގްރާމް ކުރިޔަށް ގެންގޮސްފައި ވަނީ ޕޮލިސް އެކަޑަމީއާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސް ގުޅިގެންނެވެ.
ހއ. އަތޮޅާއި ހދ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނަށް ޚާއްސަކޮށްގެން ޖުލައި 29 އިން 30 އަށް ކުރިއަށްގެންދިޔަ މިޕްރޮގްރާމްގައި، އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ އަމަލުކުރާނެ ގޮތްތައް ދަސްކޮށްދީފައިވެއެވެ. އަދި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ އަމިއްލަ ސަލާމަތާއި ރައްކާތެރިކަމާއި އެހެން މީހުންގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި ކުރަންވީ ކަންކަމާއި އެފަދަ ހާލަތެއްގައި އެހެން މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ގޮތްތައް ބުނެދީ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި އަލިފާން ނިއްވުމަށް މަސައްކަތްކުރާނެ ގޮތްތައް ދަސްކޮށްދީފައިވެއެވެ.
މީގެއިތުރުން އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް މުއައްސަސާތަކާއި ގޭބިސީތަކުގައި އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ވެސް މި ޕްރޮގްރާމްގައި މައުލޫމާތުދީފައިވެއެވެ.
މިތަމްރީނު ޕްރޮގްރާމުގައި ކިޔަވައިދެއްވާފައިވަނީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ކުޅުދުއްފުށީގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ކަމުގެ ތަޖުރިބާ ލިބިފައިވާ މުވައްޒަފުންނެވެ.