އިދިކޮޅު ޕީއެންސީއާ ޕީޕީއެމް ގުޅިގެން މިރޭ ބާއްވާ ޖަލްސާއަކީ ސަރުކާރުން ވައުދުވީ ކަންތައްތައް ނުކޮށްދޭތީ ބާއްވާ ޖަލްސާއެއް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހުގައި ލ. ފޮނަދޫ ދާއިރާ ތަމްސީލު ކުރެއްވި އަބްދުއއްރަހީމް އެހެން ވިދާޅުވީ ޗެނަލް13ގެ ޕްރޮގްރާމެއްގައި ވާހަަކަ ދައްކަވަމުންނެވެ. އިދިކޮޅު ފަރާތްތަކުން މިރޭ ކާނިވާ ސަރަހައްދުގައި ބާއްވާ ޖަލްސާއަށް ދީފައިވާ ނަމަކީ "ކޮބާ ނުވިއެއްނު"އެވެ. އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ޖަލްސާއަށް އެ ނަން ދޭން ނިންމީ ސަރުކާރަށް އެއްވެސް ކަމެއް ނުކޮށްދެވޭތީއެވެ.
"ތަރައްގީއެއް ނުވި، އަދުލުވެރިއެއް ނުވި، އިންސާފުވެރިއެއް ނުވި. ދެން މިހެންގޮސް ކިޔަން ހުރި ހުރިހާ ކަމެއް ނުވީމަ އަޅުގަނޑުމެން ނިންމީ މިފަހަރު އަޅުގަނޑުމެންގެ ޖަލްސާއަށް ކިޔާނީ އެނަމޭ" އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ މި ސަރުކާރަށް ގާތްގަނޑަކަށް ނުވަަމަސް ވެފައިވާއިރު، ތަރައްގީގެ މާގިނަ މަޝްރޫއުތަކެއް ހިންގާފައި ނުވާ ކަމަށެވެ. އެގޮތުން ސަރުކާރުން ކުރާހާވެސް ކަމަކީ މޮޅު ވާހަކަދެއްކުން ކަމަށް އޭނާ ވިދާޅުވިއެވެ.
"ރައީސް ޔާމީންގެ ވެރިކަމުގެ ފުރަތަމަ ނުވަ މަސް ދުވަހު ކުރެއްވި ކަންކަން ދިވެހި ރައްޔިތުންނަށް ވާނީ ފެނިފައި. އެހެންނަމަވެސް މިސަރުކާރަށް ނުވަމަސް ވާއިރު ކަންތައްތަކެއް ވާތަނެއް ނުފެނޭ" އަބްދުއްރަހީމް ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކުން މިރޭ ކާނިވާ ސަރަހައްދުގައި ބާއްވާ ޖަލްސާގައި ކުރީގެ ރައީސް، އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބައިވެރިވެވަޑައިގަންނަވާނެއެވެ.