އެޗްޑީސީ

އެންމެ ފަހުން އެޗްޑީސީން ގޮސް ހުޅުމާލޭ ބީޗު ސަރަހައްދު ހުސްކޮށްފި

އާނިފާ ހުސެއިން ސިރާޖް

ތަކުރާރުކޮށް އެންގުމުން ވެސް ހުސްނުކުރުމުން، އެންމެ ފަހު ނޯޓިސް ދިނުމަށް ފަހު ހުޅުމާލޭ އިރުމަތީ ފަރާތު ބީޗު ސަރަހައްދު އެޗްޑީސީން ގޮސް ހުސްކޮށްފި އެވެ.

ވަން އޮންލައިންގެ ނޫސްވެރީން މިއަދު ހެނދުނު އެ ސަރަހައްދަށް ދިޔަ އިރު، އެޗްޑީސީން ވަނީ ބޮޑު ބައެއް ހުސްކޮށްފަ އެވެ. ބައެއް ތަންތަން ހުސްކޮށް ސާފުކުރުމުގެ މަސައްކަތް އަދިވެސް ކުރިޔަށް އެބަދެ އެވެ.

"ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން އެޗްޑީސީގެ މެނޭޖިން ޑައިރެކްޓަރު އަހުމަދު ސުހެއިލް މިއަދު ވިދާޅުވީ ނޯޓިސް ދީފައިވާ ވަގުތުގެ ކުރިން ބައެއް ތަންތަން ހުސްކޮށްފައި ނުވާކަމަށާއި، ހުސްކޮށްފައިނުވާ ތަންތަން އެޗްޑީސީން އަމިއްލައަށް ހުސްކުރަމުން އަންނަ ކަމަށެވެ. އެގޮތުން ރޭވެސް އެޗްޑީސީގެ މުވައްޒަފުން އެ ސަރަހައްދު ހުސްކުރުމުގެ މަސައްކަތް ކޮށްފައިވާވަކަމަށްވެސް ޝުހައިލު ވިދާޅުވިއެވެ.

އިއްޔެ އެ ސަރަހައްދު ބަންދުކުރުމަށްފަހު އެޗްޑީސީން ކުރި އިއުލާނުގައި ބުނެފައިވަނީ އެ ސަރަހައްދުގައި ހުރި ތަކެތި އިއްޔެ މެންދުރުފަހު 3:00 ގެ ކުރިން ނަގައި ސާފުކުރުމަށާއި އެ ވަގުތާ ހަމައަށް ތަން ސާފުކޮށްފައި ނުވާނަމަ އެ ސަރަހައްދުގައި ހުރި ތަކެތި ނަގައި ސާފުކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ކުރިއަށް ގެންދާނެކަމުގައެވެ.

ބީޗް ސަރަހައްދު ހުސްކުރަން ނިންމާފައިވަނީ އެމްޑަބްލިއުއެސްސީން އެ ސަރަހައްދުގައި ނަރުދަމާގެ މަސައްކަތް ކުރުމަށެވެ. މި މަސައްކަތް ނިމުމުން އަނެއްކާވެސް އެ ސަރަހައްދު އާންމުންނަށް ބޭނުންކުރެވޭ ގޮތަށް ހުޅުވާލުމަށް ވަނީ ހަމަޖައްސައިފައެވެ. އެހެން ނަމަވެސް އެޗްޑީސީން ކުރީން ބުނެފައި ވަނީ އެ ސަރަހައްދު ހުޅުވައިލާނީ ބޭނުންކުރާނޭ އުސޫލުތަކެއް ހަމަޖެއްސުމަށްފަހު ކަމަށެވެ.