ރާއްޖޭގައި މީޑިއާ ރެގިއުލޭޓް ކުރުމަށް އޮންނަންވީ އެއް މުއައްސަސާ ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި މިއަދު ވާހަކަދައްކަވަމުން މީޑިއާ ކައުންސިލްގެ ނައިބު ރައީސް އަހްމަދު އާޒިފް ވިދާޅުވީ ބްރޯޑްކާސްޓިން މީޑިއާތަކާއި ޕްރިންޓް އަދި އޮންލައިން މީޑިއާތައް ރެގިއުލޭޓް ކުރުމަށް އޮންނަންވީ އެއް މުއައްސަސާ ކަމަށް އެ ކައުންސިލުން ގަބޫލުކުރާ ކަމަށެވެ.
އާޒިފް ވިދާޅުވީ އެއީ ހަމައެކަނި އެ ކައުންސިލުން އެކަނި ބޭނުންވާ ގޮތް ނޫން ކަމަށާއި ރާއްޖޭގެ މީޑިއާގައި މަސައްކަތްކުރައްވާ އިސް ބޭފުޅުން ވެސް ބޭނުންވަނީ އެގޮތް ކަމަށެވެ.
"މީޑިއާ ކައުންސިލް ކިޔަސް، ނުވަތަ މީޑިއާ ކޮމިޝަން ކިޔަސް. އަދި ކޮންމެ ނަމެއް ކިޔަސް އޮންނަންވީ އެއް މުއައްސަސާ. އެ މުއައްސަސާ ވާންޖެހޭނީ ސެލްފް ރެގިއުލޭޓްރީ ބޮޑީއަކަށް. އެއީ މިހާރުވެސް މީޑިއާ ކައުންސިލް އެކުލެވިގެންވާގޮތް،" އާޒިފް ވިދާޅުވިއެވެ.
ކޮމިޓީގައި ވާހަކަދައްކަވަމުން މީޑިއާ ކައުންސިލްގެ މެމްބަރު އަހްމަދު ނާއިފް ވިދާޅުވީ މީޑިއާ ރެގިއުލޭޓް ކުރާ މުއައްސަސާއަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ މުއައްސަސާއަކަށް ވާންޖެހޭ ކަމަށެވެ. އެގޮތުން އެފަދަ މުއައްސަސާއެއް ގާއިމް ކުރެވޭނީ އިންތިހާބު ކުރެވޭ މެމްބަރުން މީޑިއާގެ ކަންތައްތައް ބަލަހައްޓާ މުއައްސަސާގައި ތިބެގެން ކަމަށް އޭނާ ވިދާޅުވިއެވެ.
"ރައީސުލްޖުމްހޫރިއްޔާ ނަން ފޮނުވައިގެން މަޖިލީހުން ފާސްކޮށްގެން މީޑިއާގެ ކަންކަން ބަލަހައްޓާ މުއައްސަސާއަށް މެމްބަރުން އައްޔަންކުރާނަމަ، ރައީސް ޔާމީންގެ ސަރުކާރުގައި ބްރޯޑްކާސްޓިން ކޮމިޝަނުން ކަންތައްތައް ކުރި ގޮތަށް ހަމަ އެ މުއައްސަސާ އިން ވެސް ކަންތައްތައް ވެގެންދާނީ،" ނާއިފް ވިދާޅުވިއެވެ.
އެ ކޮމިޓީގައި މީޑިއާ ކައުންސިލްގެ ރައީސް ހިދާޔަތުﷲ ދެއްކެވި ވާހަކައިގައި މީޑިއާ ކައުންސިލުން ފާއިތުވި ތަނުގައި ކޮށްފައި ހުރި މަސައްކަތްތަކުގެ ތަފްސީލު ކޮމިޓީގެ މެމްބަރުންނާ ހިއްސާ ކުރެއްވިއެވެ.
ހިދާޔަތުﷲ ވިދާޅުވީ މީޑިއާ ކައުންސިލުން ކުރަމުން އަންނަ މުހިންމު މަސައްކަތްތަކުގެ ތެރޭގައި ސްކޫލްތަކުގައި މީޑިއާ ކްލަބު ހިންގުމުގެ މަސައްކަތާއި ޕްރެސް ކްލަބެއް ގާއިމް ކުރުމާއި މީޑިއާ އިންސްޓިޓިއުޓެއް ގާއިމުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ.
އޭނާ ވިދާޅުވީ ސްކޫލްތަކުގައި މީޑިއާ ކްލަބު ގާއިމު ކުރަނީ ސްކޫލް ނިންމާ ދަރިވަރުން މީޑިއާގެ ދާއިރާއަށް ނެރުމަށް ކަމަށެވެ. އަދި އެ މަސައްކަތް މިއަހަރު ނުފެށުނީ ރައްޔިތުންގެ މަޖިލީހުން ބަޖެޓް ހަމަޖައްސައިދީފައިނުވާތީ ކަމަށް ހިދާޔަތުﷲ ވިދާޅުވިއެވެ.
ޕްރެސް ކްލަބް ގާއިމުކުރަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އެދިލެއްވުމުގެ މަތިން ކަމަށެވެ. އަދި އެ ކްލަބުގެ ސަބަބުން ނޫސްވެރިންނަށް ލިބިގެންދާނެ ފައިދާތަކަކީ ކޮބައިކަން ވެސް އޭނާ ވަނީ އެ ކޮމިޓީގެ މެމްބަރުންނާ ހިއްސާ ކުރައްވާފައެވެ.
މީޑިއާ ކައުންސިލްގެ ރައީސް ވިދާޅުވީ މީޑިއާ އިންސްޓިޓިއުޓެއް ގާއިމު ކުރުމަށް އެ ކައުންސިލުން ނިންމީ ނޫސްވެރިންނަށް ޓްރޭނިން ދިނުމަށް ކަމަށާއި ސަރުކާރުގެ ކަމާ ބެހޭ މުއައްސަސާތަކާ ގުޅިގެން އެ މަސައްކަތް ކުރުމަށް ޚާއްސަ ކޮމިޓީއެއް އެ ކައުންސިލުން އެކުލަވާލާފައިވާ ކަމަށެވެ.