މޭގަން މާކެލްއާ ޕްރިންސް ހެރީ ބޭނުންވެލައްވަނީ އެންމެ ދެކުދިން ކަމަށް ޕްރިންސް ހެރީ ވިދާޅުވެއްޖެއެވެ.
ބްރިޓިޝް ވޯގުއަށް ދެއްވި ބަސްދީގަތުމެއްގައި ޕްރިންސް ހެރީ ވިދާޅުވީ ދަރިކަލުން އާޗީ ހެރިސަންއަށް ފަހު އަދި އިތުރު ދަރިއެއް ބޭނުންވެލައްވާ ކަމަށެވެ. އަދި ދެކުދިންނަށް ވުރެ އިތުރަށް ދަރިން ބޭނުންވެނުލައްވާ ކަމަށްވެސް ހެރީ ވިދާޅުވިއެވެ.
ޕްރިންސް ހެރީ ވިދާޅުވީ ދެކުދިންނަށް ވުރެ ގިނަ ކުދިން ނުހޯއްދަވަން ނިންމެވީ ތަރައްގީވެފައިވާ ގައުމުތަކުގައި ދިރިއުޅޭ މީހުންގެ އަމަލުތައް ހުންނަ ގޮތުގެ ސަބަބުން ތިމާވެއްޓަށް އެކަމުގެ ނޭދެވޭ އަސަރުތައް ކުރާތީ ކަމަށެވެ.
2017 ވަނަ އަަހަރުގެ އެމިޝަން ރޭޓުތަކުން ދައްކާ ގޮތުން ޑިވެލޮޕްޑް ނުވަތަ ތަރައްގީ ވެފައިވާ ގައުމެއްގައި ދަރިއަކު ނުހޯދަން ނިންމައިފިނަމަ 58.6 ޓަނުގެ ކާބަންޑިއޮކްސައިޑް މަދު ކުރުމުގެ ފުރުސަތު އޮވެއެވެ.
ހެރީ ވިދާޅުވީ މޭގަންއާ ދެބޭފުޅުން ބޭނުންވެލައްވަނީ، ތިމާވެއްޓަށް ޓަކައި އެދެމަފިރީންނަށް ކުރެއްވެން ހުރި މަސައްކަތެއް ކުރައްވަން ކަމަށެވެ. ހެރީ އެފަދަ ނިންމެވުމެއް ނިންމެވިއިރު، އޭނާގެ ބޭބެ ޕްރިންސް ވިލިއަމާއި ކޭޓް މިޑްލްޓަންގެ ތިން ދަރިން މިހާރުވެސް އެބަތިއްބެވެ.