އެޗްޑީސީ

އެޗްޑީސީން ހުޅުމާލެ ބީޗް ސަރަހައްދުގައި ޓޭޕް ދަމައި ބަންދުކޮށްފި

އާނިފާ ހުސެއިން ސިރާޖް

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން، (އެޗްޑީސީ) އިން މިއަދު ހުޅުމާލެ ަިރުމަތީ ފަރާތު ބީޗް ސަރަހައްދުގައި އެއްކޮށް ޓޭޕް ދަމައި ބަންދުކޮށްފިއެވެ.

މިތަން ބަންދުކޮށްފައި މިވަނީ ކުރިންވެސް އެތަން ހުސްކުރުމަށް ތަކުރާރުކޮށް އެންގުމަށްފަހު ނޯޓިސްވެސް ދިނުމަށްފަހުގައެވެ.

އެ ސަރަހައްދު ބަންދުކުރުމަށްފަހު އެޗްޑީސީން ކުރި އިއުލާނުގައި ބުނެފައިވަނީ އެ ސަރަހައްދުގައި ހުރި ތަކެތި މިއަދު މެންދުރުފަހު 3:00 ގެ ކުރިން ނަގައި ސާފުކުރުމަށާއި އެ ވަގުތާ ހަމައަށް ތަން ސާފުކޮށްފައި ނުވާނަމަ އެ ސަރަހައްދުގައި ހުރި ތަކެތި ނަގައި ސާފުކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ކުރިއަށް ގެންދާނެކަމުގައެވެ.

އެޗްޑީސީން ވަނީ މި އިއުލާނު އެ ސަރަހައްދުގައި ވެސް ހަރުކޮށްފަ އެވެ.

ބީޗް ސަރަހައްދު ހުސްކުރަން ނިންމާފައިވަނީ އެމްޑަބްލިއުއެސްސީން އެ ސަރަހައްދުގައި ނަރުދަމާގެ މަސައްކަތް ކުރުމަށެވެ. މި މަސައްކަތް ނިމުމުން އަނެއްކާވެސް އެ ސަރަހައްދު އާންމުންނަށް ބޭނުންކުރެވޭ ގޮތަށް ހުޅުވާލުމަށް ވަނީ ހަމަޖައްސައިފައެވެ. އެހެން ނަމަވެސް އެޗްޑީސީން ކުރީން ބުނެފައި ވަނީ އެ ސަރަހައްދު ހުޅުވައި ލާނީ ބޭނުންކުރާނޭ އުސޫލުތަކެއް ހަމަޖެއްސުމަށްފަހު ކަމަށެވެ.