އެޗްޑީސީ

ބީޗް ސަރަހައްދު މިއަދު ތިނެއްގެ ކުރިން ހުސްނުކޮށްފިނަމަ، ހުސް ކުރާނެކަމުގެ އިންޒާރު އެޗްޑީސީން ދީފި

އާނިފާ ހުސެއިން ސިރާޖް

ހުޅުމާލެ ބީޗް ސަރަހައްދު މިއަދު 3 ޖެހުމުގެ ކުރިން ހުސްނުކޮށްފިނަމަ އެ ސަރަހައްދު ހުސް ކުރާނެކަމުގެ އިންޒާރު އެޗްޑީސީ އިން ދީފިއެވެ.

މިތަން ބަންދުކުރުމަށްފަހު އެޗްޑީސީން ކުރި އިއުލާނުގައި ބުނެފައިވަނީ އެ ސަރަހައްދުގައި ހުރި ތަކެތި މިއަދު މެންދުރުފަހު 3:00 ގެ ކުރިން ނަގައި ސާފުކުރުމަށާއި އެ ވަގުތާ ހަމައަށް ތަން ސާފުކޮށްފައި ނުވާނަމަ އެ ސަރަހައްދުގައި ހުރި ތަކެތި ނަގައި ސާފުކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ކުރިއަށް ގެންދާނެކަމުގައެވެ.

މީގެ އިތުރުން އެ ކޯޕަރޭޝަނުން އެ ސަރަހައްދުގައި ހުރި ތަކެތި ނަގައި ސާފުކުރުމުގެ ތެރޭގައި ތަނުގައި ބެހެއްޓިފައި ހުރި އެއްވެސް މުދަލަކަށް ލިބޭ ގެއްލުމުގެ ޒިންމާ އެ ކޯޕަރޭޝަނުން ނުނަގާނެ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެއެވެ.

ބީޗް ސަރަހައްދު ހުސްކުރަން ނިންމާފައިވަނީ އެމްޑަބްލިއުއެސްސީން އެ ސަރަހައްދުގައި ނަރުދަމާގެ މަސައްކަތް ކުރުމަށެވެ. މި މަސައްކަތް ނިމުމުން އަނެއްކާވެސް އެ ސަރަހައްދު އާންމުންނަށް ބޭނުންކުރެވޭ ގޮތަށް ހުޅުވާލުމަށް ވަނީ ހަމަޖައްސައިފައެވެ.

ހުޅުމާލޭ ބީޗު ސަރަހައްދު ހުސްކުރާން އެޗްޑީސީން މީގެ ކުރީން ވެސް އެކި ފަހަރު މަތީން ނޯޓިސް ދީފައި ވެއެވެ. އެހެން ނަމަވެސް އެޔަށް އެއްވެސް ބަޔަކު އަމަލުކޮށްފައެއް ނުވެ އެވެ.