އައިޖީއެމްއެޗް

މީހެއްގެ ކަރަށް ހެރުނު ތޮޅިއެއްގެ ތުންގަނޑު އައިޖީއެމްއެޗުން ނަގައިފި

މީހެއްގެ ކަރަށް ހެރުނު ތޮޅިއެއްގެ ތުންގަނޑު އައިޖީއެމްއެޗުން ނަގައިފިއެވެ.

އައިޖީއެޗުން މިރޭ ކުރި ޓުވީޓެއްގައި ބުނީ، މީހެއްގެ ކަރަށް ހެރި އެތެރެއަށް ބިނދުނު ތޮޅިއެއްގެ ތުންގަނޑުގެ ބައިތައް އޮޕަރޭޝަންކޮށްގެން ނަގާފައިވަނީ ހޮސްޕިޓަލުގެ އީއެންޓީ ސާޖަންއެއް ކަމަށެވެ.

ކަންފަތާއި ކައިިރިން ކަރަށް ހެރި އެތެރެއަށް ބިނދިފައިވާ ތޮޅީގެ ތުންގަނޑުގެ ދިގުމިނުގައި 6 ސެންޓި މީޓަރު ހުރި ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

އަދި ތޮޅީގެ ތުންގަނޑު ހެރިފައިވަނީ އޭނާގެ ކަރުގެ އާޓަރީއެއްގެ ކައިރިން ކަމަށާއި އޮޕަރޭޝަނަށް ފަހު އެމީހާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އައިޖީއެމްއެޗުން ބުނެފައި ވެއެވެ.

ހާއްސަކޮށް ރޭގަނޑު މަސްވެރިކަމުގައި އުޅޭ ބައެއް މީހުންނަށް އެފަދަ ހާދިސާތައް ދިމާވެފައި އެބަހުއްޓެވެ. ތޮޅީގެ ތުންގަނޑު ހެރުމުގެ ހާދިސާތަކުގައި ރާއްޖޭގައި މީގެ ކުރިން މީހުން މަރުވެސް ވެފައިވެއެވެ.

މިދިޔަ އަހަރު ހިނގި އެއް ހާދިސާއެއްގައި ކަރަށް ތޮޅިއެއް ހެރިގެން ނ. މާޅެންދޫ ޒުވާނަކު ވަނީ މަރުވެފައެވެ.