ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބ. ފެހެންދޫ ކައުންސިލަރުންނާއި އެރަށުގެ މުއައްސަސާތަކުގެ އިސް ބޭފުޅުންނާ މިއަދު ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ.
ފެހެންދޫ ކައުންސިލު އިދާރާގައި ބޭއްވެވި މިބައްދަލުވުމުގައި ކައުންސިލަރުންނާއި މުއައްސަސާތަކުގެ ވެރިން ވަނީ އެރަށުގެ ތަރައްގީއަށް ބޭނުންވާ މުހިންމު ކަންކަމާއި ރައްޔިތުންގެ ކަންބޮޑުވުން ހުރި ކަންކަމާއި ރަށުގެ ތަރައްގީއަށް ހުރި ގޮންޖެހުންތަކާބެހޭ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެގޮތުން އެރަށުގެ ބަނދަރު ބޭނުންކުރުމުގައި ހުރި ދަތިތަކާއި ނަރުދަމާއާއި ކަރަންޓުގެ މައްސަލަތަކާއި ސިއްހީ ދާއިރާގައި ހުރި ބައެއް ގޮންޖެހުން ތަކާއި ރަށުގައި ފަތުރުވެރިކަން ކުރިއެރުވޭނެ ގޮތްތަކާ ބެހޭގޮތުންނާއި ރަށުގައި އޭޓީއެމެއްގެ ހިދުމަތް ގާއިމުކުރުމުގެ މުހިންމުކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ފެރީގެ ހިދުމަތް ރަނގަޅު ކުރުމާއި ރަށުގެ ތައުލީމީ ދާއިރާގެ ކަންކަން މިހާރަށްވުރެ ހަރުދަނާކޮށް ކުރިއަށް ގެންދެވޭނެ ގޮތްތަކާއި ބެހޭގޮތުންވެސް މިއަދުގެ ބައްދަލުވުމުގައި މަޝްވަރާ ކުރެއްވިއެވެ.
މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ފެހެންދޫ ކައުންސިލާއި މުއައްސަސާތަކުގެ ވެރިން އެދިވަޑައިގެންފައިވާ ކަންކަމުގެ ތެރެއިން ބަޖެޓުގައި ހިމެނިފައިވާ މަޝްރޫއުތަކުގެ އެންމެފަހުގެ މައުލޫމާތުތަކާއި ބައެއް މަޝްރޫއުތަކުގެ މަސައްކަތް ފެށޭނެ ކަމަށް ލަފާ ކުރެއްވޭ ތާރީހުތައް ކައުންސިލަރުންނާ ހިއްސާކުރެއްވިއެވެ.
މީގެއިތުރުން ކައުންސިލްތައް ބާރުވެރިކުރުވުމަށް ސަރުކާރުން ގެންގުޅުއްވާ ވިސްނުންވެސް ކައުންސިލަރުންނާ ހިއްސާކުރެއްވެވިއެވެ. އަދި ކައުންސިލުން ހުށަހެޅުއްވި ކަންކަމުގައި ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން ހައްލު ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.