އެމްޑީޕީ ވައްޓާލިޔަސް، އަލުން ތެދުވާނެ ކަމަށް އެޕާޓީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ފަތުރުވެރިކަމުގެ ސިނާއަތުގެ ބައެއް މަޝްރޫއުތައް އިފްތިތާހް ކުރުމަށް، މިރޭ ދަރުބާރުގޭގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަަކަފުޅުދައްކަވަމުން، ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު މިރޭގެ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަނީ، މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ނޫން ކަމަށާއި އެމްޑީޕީގެ ރައީސްގެ ހައިސިއްޔަތުން ކަމަށެވެ.
"އަޅުގަނޑުމެން ވައްޓާވެސް ލެވިދާނެ، އެހެންނަމަވެސް އަޅުގަނޑުމެން އެނބުރި އަންނާނަން. ތަކުރާރުކޮށް ދައްކަން އޮތީވެސް ހަމަ އެއްވާހަަކައެއް. އެއީ ޖީބަށް ވަންނަން އެއްޗެއް އިތުރުވާން އެބަޖެހޭ ވާހަކަ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، އަޅުގަނޑުމެން ނެތިވެސް ހިނގައިދާނެ ކަމަށާއި އެހެންނަމަވެސް، ދަރިންވެސް އަންނަން ތިބިކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، ކުރިއަށް އަންނަން ހުރި ޖީލުތަކެއްވެސް އެބަހުރި ކަަމަށެވެ.
"އަޅުގަނޑުމެން މިދައްކާ ވާހަކަ، އިރާދަކުރެއްވިއްޔާ ހުއްޓައެއް ނުލާނަން،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ދިވެހި ރައްޔިތުން އުއްމީދު ކުރާ ރާއްޖެއެެއް، ދިވެހިންނަށް ހޯދައިދޭނީ މި ސަރުކާރުން ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއިން އެޖެންޑާ 19 އެކުލަވާލައި، އަލުން ވެރިކަން ހޯދީ ރައްޔިތުންގެ ގޮންޖެހުންތަކަށް ހައްލު ހޯދައިދީ، ވަޒީފާގެ ފުރުސަތުތައް އިތުރުކޮށްދީ، ރައްޔިތު މީހާގެ ޖީބަށް ވަންނަ އާމްދަނީ އިތުރުކޮށްދިނުމަށް ކަމަށެވެ.