ސިވިލް ކޯޓް

ބީއެމްއެލް އިން އެދުނު ފަދަ އަމުރެއް އެސެޓް ރިކަވަރީ ކޮމިޝަންގެ މައްޗަށް ނެރެދެވޭކަށް ނެތް: ސިވިލްކޯޓު

އިބްރާހިމް ޒަކީ

ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ އެސެޓް ރިކަވަރީ ކޮމިޝަނާ، ދެކޮޅަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހުށަހެޅި މައްސަލައިގައި ބޭންކުން އެދުނު ފަދަ ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން މިއަދު ނިންމައިފިއެވެ.

ބީއެމްއެލްއިން އެސެޓް ރިކަވަރީ ކޮމިޝަންގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށް ސިވިލް ކޯޓުގައި އެދުނީ، އެ ކޮމިޝަނަށް ބޭނުންވާ މައުލޫމާތު ނުދޭ މުއައްޒަފުންނާ މެދު ފިޔަވަޅު ނޭޅުމަށާއި، ކޯޓު އަމުރެއް ނެތި ގާނޫނީ ގޮތުން މައުލޫމާތު ދޭން ނުޖެހޭ ކަމަށް ކަނޑައަޅައި ދިނުމަށެވެ.

ރާއްޖޭގައި ހިނގި އެންމެ ބޮޑު ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ތަހުގީގު ކުރާ އެސެޓް ރިކަވަރީ ކޮމިޝަނަށް ބޭނުންވާ މައުލޫމާތުތަކެއް ހޯދުމަށް އެ ކޮމިޝަނުން ވަނީ ބިއެމްއެލްގައި އެދިފައެވެ.

އެ މައްސަލައިގައި ވަގުތީ އަމުރެއް ނެރެދިނުމަށް ބީއެމްއެލްއިން ހުށަހެޅި މައްސަލައިގެ ތެރެއަށް އޭސީސީންވެސް ވަނީ ތަދައްހުލުވެފައެވެ.

ބީއެމްއެލްއިން އެދުނު އަމުރު ނެރެދެވެންނެތް ކަމަށް ކަނޑައަޅައި ސިވިލް ކޯޓުން މިއަދު ބުނީ، ބީއެމްއެލުން ކޮށްފައިވާ ދައުވާ އާއި ވަގުތީ އަމުރަށް އެދިފައިވާ ކަންތައްތަކަށް ބަލާއިރު، ވަގުތީ އަމުރެއް އަދި ނެރެދެވެން ނެތް ކަމަށް ކަނޑައަޅާ ކަމަށެވެ.

މީގެ ކުރިން ތަހުގީގުތަކަށް ބީއެމްއެލްއިން އެއްބާރުކުން ދެމުން އައި ނަމަވެސް ތަހުގީގަށް ބޭނުންވާ މައުލޫމާރު ދެވޭނީ ކޯޓު އަމުރެއްގެ ދަށުންކަމަށް އެ ބޭންކުން ނިންމީ ހައިކޯޓުން މިއަހަރު ނެރުނު ގަޒިއްޔާއަކާ ހަވާލާދީ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓް ފްރީޒް ކުރި މައްސަލާގައި ހައިކޯޓުން ނެރުނު އެ ހުކުމުގައި ފާހަގަކޮށްފައިވަނީ، އިސްތިސްނާ ހާލަތެއް ކަމުގައިވިޔަސް އެ އިސްތިސްނާއެއްގެ ބޭނުން ކުރަންވާނީ ގާނޫނެއް ނުވަތަ ގަވައިދެއްގައި ކަނޑައަޅާފައިވާ އާއްމު އިޖުރާއަތުތައް ބޭނުންކުރުމަށް ނުކުޅެދިއްޖެ ހާލަތެއްގައި އެކަށީގެންވާ ސަބަބުތަކަކާއިއެކު ކަމަށެވެ. އެ ހުކުމާއެކު ތަހުގީގީ އިދާރާތަކަށް މައުލޫމާތު ފޯރުކޮށްދިނުމުގައި ބޭންކުން އަމަލުކުރަންޖެހޭ ކަމަށް ބޭންކަށް ގަބޫލުކުރެވޭ ގޮތާއި ތަހުގީގީ އިދާރާތަކުން ދެކޭ ގޮތާމެދު ހިޔާލު ތަފާތުވުންތަކެއް ވަނީ އުފެދިފައެވެ.

ތަގުގީގީ އިދާރާތަކުން ތަކުރާރުކޮށް ބުނަމުން އަންނަނީ، އެ ފަރާތްތަކުން ކުރާ ތަހުގީގަށް ބޭނުންވާ ހާލަތެއްގައި އެ ބޭނުންވާ މައުލޫމާތެއް ލިބެންޖެހޭނެ ކަމަށެވެ.

ނަމަވެސް ބީއެމްއެލްއިން އެގޮތަކަށް ނުދެކެއެވެ.