އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗްގެ ދަށުން ހިންގާ ދަރުމަވަންތަ ހޮސްޕިޓަލުގައި ކެންޓީނެއް ހިންގާނެ ފަރާތެއް ހޯދުމުގެ މަސައްކަތް އައިޖީއެމްއެޗް އިން ފަށައިފިއެވެ.
ފަންސަވީސް ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލުގައި ކެންޓީނެއް ހިންގުމަށް ބިޑަށް ހުޅުވާލާފައި ވަނީ މިއަދު އެވެ.
އައިޖީއެމްއެޗުން މައުލޫމާތު ދިން ގޮތުގައި ކެންޓީނު ހިންގުމަށް ބިޑަށް ހުށަހެޅުމަށް ހުޅުވާލާފައި ވަނީ އެކެއް އޮގަސްޓުން 29 އޮގަސްޓުގެ ނިޔަލަށެވެ. އެގޮތުން ބިޑަށް ހުށަހެޅުމަށް ބޭނުންވާ ހުރިހާ ލިޔެކިޔުމެއް އައިޖީއެމްއެޗްގެ ފައިނޭންސް ޑިޕާޓްމަންޓުން ލިބޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގައި ކެންޓީނު ހެދުމަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ދެ ފްލޯއެވެ. މި ދެ ފްލޯގައި ޖުމްލަ 1331 އަކަފޫޓު ހުންނާނެ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދެއެވެ. އެއީ ގްރައުންޑް ސްލޯގައި 818 އަކަ ފޫޓު އަދި މެޒަައިން ފްލޯގައި 513 އަކަ ފޫޓެވެ.
އައިޖީއެމްއެޗް އިން މައުލޫމަތު ދިން ގޮތުގައި ބިޑަށް ބޭނުންވާ ޑޮކިއުމަންޓްސްގެ އަގަކީ -/1000 އެވެ. މީގެ ކުރިން ކޮށްފައިވާ އިއުލާނުގެ ބިޑް ޑޮކިއުމަންޓްސް ގަނެފައިވާ ފަރާތްތަކަށް މި ޑޮކިއުމަންޓް ހިލޭ ލިބޭނެ ކަމަށް އައިޖީއެމްއެޗް އިން މައުލޫމާތު ދެއެވެ.