ޝަހީދާ އަބްދުﷲ ސައީދު
އައްޑޫ ސިޓީގައި ސިއްހީ ހިދުމަތްދޭ ހުރިހާ މަރުކަޒެއްގައި ''ވިނަވި'' ޕޯޓަލްގެ ހިދުމަތް ތައާރަފު ކުރުމަށް އާސަންދަ ކުންފުނީގެ ޓީމެއް ހަރަކާތްތެރިވަމުން އަންނަ ކަމަށް އެކުންފުނިން ބުނެފިއެވެ.
އާސަންދަ ކުންފުނިން މިއަދު ބުނީ، އާސަންދަ ސްކީމްގެ ދަށުން ދެވޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން އެކުންފުނިން ފަރުމާކުރި ''ވިނަވި'' ޕޯޓަލްގެ ހިދުމަތް އައްޑޫ ސިޓީގެ ހުރިހާ މަރުކަޒުތަކެއްގައި ގާއިމްކުރާނެ ކަމަށެވެ.
އެގޮތުން ދެދުވަހުގެ މުއްދަތަށް ކުރާ މިދަތުރު މިއަދު ނިންމާލާއިރު، އައްޑޫ ސިޓީގައި ސަރުކާރުން ހިންގާ ސިއްހީ މަރުކަޒުތަކުން ވިނަވި ޕޯޓަލް ބޭނުންކުރަންފެށި، ހުރިހާ މަރުކަޒުތަކެއް ވިނަވީގެ ވިއުގައިން ގުޅައިލެވޭނެ ކަމަށް އާސަންދައިން މައުލޫމާތު ދެއެވެ.
އަދި މިވަގުތު އައްޑޫ ސިޓީގައި ސިއްހީ ހިދުމަތްދޭ އަމިއްލަ މަރުކަޒުތަކުން މިހާރުވެސް ބޭނުންކުރަނީ ވިނަވި ޕޯޓަލް ކަމަށް ވެސް ބުނެފައިވެއެވެ.
އެކުންފުނިން ބުނިގޮތުގައި މިއަދު އައްޑޫ ސިޓީގައި ސިއްހީ ހިދުމަތް ފޯރުކޮށްދޭ ބައެއް މަރުކަޒުތަކުން ވިނަވި ބޭނުންކުރާ ގޮތާއި ހިދުމަތް ފޯރުކޮށްދިނުމުގައި ދިމާވާ ދަތިތައް ބަލައި ހައްލުކުރުމަށް، އާސަންދައިގެ ޓީމުން ބައެއް މަރުކަޒުތަކަށް ޒިޔާރަތް ކުރާނެއެވެ.
އޭގެ ތެރޭގައި ފޭދޫ ސިއްހީ މަރުކަޒާއި މަރަދޫ ސިއްހީ މަރުކަޒާއި އަދި އައްޑޫ ދަމަނަވެށިވެސް ހިމެނެއެވެ.
އާސަންދައިން ބުނި ގޮތުގައި އައްޑޫ ސިޓީގައި ވިނަވި ބޭނުންކުރަން ފެށުމުން ސިއްހީ ހިދުމަތްދޭ ހުރިހާ މަރުކަޒުތަކެއްގައި ވިނަވި ބޭނުންކުރާ ފުރަތަމަ ސިޓީއަކަށް އައްޑޫ ސިޓީ ވެގެންދާނެއެވެ. އައްޑޫގެ އިތުރުން މިހާރުވެސް ޖުމުލަ ހަ އަތޮޅެއްގައި ސިއްހީ ހިދުމަތްދޭ ހުރިހާ މަރުކަޒެއްގައި ވިނަވި ޕޯޓަލް ބޭނުންކުރަމުން އަންނަ ކަމަށް އެކުންފުނިން ބުނެއެވެ.
ވިނަވި ޕޯޓަލަކީ އާސަންދަ ސްކީމުގެ ދަށުން ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ލުއިފަސޭހަތަކެއް ގާއިމުކޮށްދީ، ހިދުމަތް ދިނުމުގައި ވީހާވެސް ދެފުށް ފެންނަ ގޮތަކަށް ހިދުމަތް ކުރިއަށް ގެންދިޔުމަށްޓަކައި ފަރުމާކުރި ޕޯޓަލެއް ކަމަށް އާސަންދައިން ބުނެއެވެ.
ވިނަވި ޕޯޓަލު ތައާރަފު ކުރުމުން ބަލި މީހާ ޑޮކްޓަރަށް ދައްކަން މެމޯ ހައްދާ ހިސާބުން ފެށިގެން ބަލި މީހާގެ ފަރުވާ ނިމެންދެން، ދެވޭ ފަރަުވާއާއި ބެހޭ ހުރިހާ މައުލޫމާތެއް ޕޯޓަލުގައި ރައްކާކުރެވޭނެއެވެ. އަދި ބަލި މީހާއަށް ވެސް އެމީހާގެ ފަރުވާއާއި ބެހޭ މައުލޫމާތު ''ވިނަވި ކަސްޓަމަރު'' ޕޯޓަލް މެދުވެރިކޮށް ބަލައިލެވޭނެއެވެ.