މޮރިޝަސްގައި ކުރިއަށް ދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް، އައިއޯއައިޖީގައި ބައިވެރިވި ދިވެހި އެތްލީޓުން އަނބުރާ ގައުމަށް ގެނައުމަށް ދިޔަ މޯލްޑިވިއަންގެ ފްލައިޓް ކްރޫއިން ގައުމީ ޖާޒީގައި ކުޅުންތެރިންނަށް މަރުހަބާ ކިއުމަށް ތައްޔާރު ވެއްޖެއެވެ.
މިއަދު ހެނދުނު 6:30 ގައި ފުރި މި ފްލައިޓްގެ ހުރިހާ ކްރޫއިން ގައުމީ ޖާޒީގައި ތިބި ފޮޓޯ މޯލްޑިވިއަންގެ ސޯޝަލް މީޑިއާ ޕޭޖުތަކުގައި ވަނީ އާންމުކޮށްފައެވެ. މިކަމާ ގުޅިގެން ''ވަން އޮންލައިން'' އަށް މައުލޫމާތު ދެމުން މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ އައިއޯއައިޖީގެ ދިވެހި ޓީމް ބަލައިދިޔަ ކްރޫއިން ގައުމީ ޖާޒީ ލާފައިވާއިރު، މޯލްޑިވިއަންގެ ސްޓާފުން ގައުމީ ކުލަ ތަކުން މިއަދު އޮފީހަށް ނިކުމެފައިވާކަމަށެވެ. އެގޮތުން މޯލްޑިވިއަންގެ ހުރިހާ މުވައްޒަފުން މިއަދު އޮފީހަށް ނިކުތީ ފެހި، ރަތް އަދި ހުދު ކުލަތަކުގެ ހެދުމުގައި ކަމަށް މޫސަ މައުލޫމާތު ދިނެވެ.
މީގެ އިތުރުން މިއަދަށް ހާއްސަކޮށްގެން ޓީމަށް މަރުހަބާ ކިޔާ ''ކޮންގްރެޖްލޭޝަންސް ޓީމް'' އަދި އައިއޯއައިޖީ 2023 ހޭޝްޓޭގާއި ގައުމީ ދިދަ ގައުމީ ޓީމް ބަލާ ފުރި ބޯޓުގައި ޖަހާފައިވާނެ ކަމަށް މޫސަ މައުލޫމާތު ދިނެވެ. މޫސް ބުނީީ މިއީ އައިއޯއައިޖީ ގައި ބައިވެރިވި ދިވެހި ޓީމް ތަކަށް މަރުހަބާ ކިއުމަށް ހާއްސަކޮށްގެން ކުރި ކަމެއް ކަމަށެވެ.
އަައިއޯއައިޖީގައި ރާއްޖެ ތަމްސީލުކުރި ހުރިހާ އެތްލީޓުން މިއަދު ރާއްޖެއައުމަށް ހަމަޖެހިފައިވަނީ ހަވީރު އެވެ. އެގޮތުން ޓީމަށް މަރުހަބާ ކިއުމަށް މިއަދު 16:15 ގައި ރަސްމީ ފާލަމަށް ވީހާވެސް ގިނަ ބަޔަކު އައުމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އިން ވަނީ އެދިފައެވެ.