އިންޑޮނީޝިއާގެ ޖަކާޓާއިން ފުރައިގެން ޕަންގްކަލް ޕިނަންގްއަށް 189 މީހުންނާއެކު ދަތުރުކުރި ލަޔަން އެއާގެ ފްލައިޓުގެ ކަޅުފޮށި ފެނިފައިވާ ކަމަށް އިންޑޮނޭޝިއާއިން ބުނެފިއެވެ.
މިދިޔަ ހޯމަ ލަޔަން އެއާގެ ފްލައިޓް ވެއްޓި އޭގެން ދަތުރު ކުރި ހުރިހާ ފަސިންޖަރުން މަރުވެފައިވާ ކަމަށް މިހާތަނަށް ހޯދި ހޯދުންތަކުން އެނގިފައިވާ އިރު، އެ ފްލައިޓް ވެއްޓުނީ ކިހިނެއްވެގެން ކަމެއް އަދި ހޯދިފައެއް ނުވެއެވެ.
ނެޝަނަލް ޓްރާންސްޕޯޓް ސޭފްޓީ ކޮމިޓީގެ ހެޑް ސޮއިޖަންޓޯ ވަނީ ލަޔަން އެއާގެ ދެ ކަޅު ފޮށީގެ ތެރެއިން އެއް ކަޅު ފޮށި ފެނިފައިވާ ކަން ޔަގީން ކޮށްދެއްވައިފައެވެ. ނަމަވެސް އެއީ އޭގެން ކޮން ކަޅު ފޮއްޓެއް ކަމެއް އަދި ނެނގޭ ކަމަށް ސޮއިޖަންޓޯ ވަނީ ބުނެފައެވެ.
ކަޅު ފޮށީގެ ޑާޓާތައް ނެގުމަށް ދެތިން ހަފްތާ ނަގާއިރު ހުރިހާ ޑާޓާއެއް ބެލުމަށް މަހެއްހާ ދުވަސް ނަގާނެ ކަމަށްވެސް ސޮއިޖަންޓޯ ވިދާޅުވިއެވެ. ލަޔަން އެއާ ޕްލައިޓުގެ ބައެއް ބައިތައްވެސް ފެނިފައިވާ ކަމަށް ސޮއިޖަންޓޯ ވަނީ އިތުރަށް ވިދާޅުވެފައެވެ.