އިލެކްޝަންސް ކޮމިޝަންގެ މިނިވަންކަމާމެދު ސުވާލު އުފެއްދުމުގެ ޖާގަ އެބައޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޚަލީލު ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ކުރިން ހުންނެވި ޚަލީލު މިއަދު ކުރެއްވި ޓްވީޓެއްގައި އެހެން ވިދާޅުވެފައިވަނީ، އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ.
ނިމިގެންދިޔަ ރިޔާސީ އިންތިހާބުގެ ނަތީޖާގެ ސައްހަ ކަމާމެދު ސުވާލު އުފެދޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވި ކަމަށް ދަ ޕްރެސް ނޫހުން ރިޕޯޓު ކުރުމާ ގުޅިގެން އީސީގެ ރައީސް ޝަރީފް ވިދާޅުވީ، ރައީސް ޔާމީން ދެއްކެވި ވާހަކަ، ކުރުވާހަކަ މުބާރާތެއްގައި ބައިވެރި ކުރުވަން ރަނގަޅު ކަމަށެވެ.
އީސީ ފަދަ މިނިވަން ކޮމިޝަނެއްގެ ރައީސްގެ މަގާމުގައި ހުންނަވައިގެން، ޝަރީފު އެފަދަ މޭރުމަކުން ރައީސް ޔާމީނަށް ޖޯކު ޖައްސަވައި، ޓްވީޓު ކުރެއްވުމުން، ޚަލީލު ވިދާޅުވީ، އެގޮތަށް ޓްވީޓު ކުރެއްވުމުން، އީސީގެ ނާޒާހަތްތެރިކަމާ މެދު ސުވާލު އުފައްދަން ޖާގަ ލިބޭ ކަމަށެވެ.
ރައީސް ޔާމީންގެ ވާހަކަފުޅާ ގުޅިގެން އީސީގެ ތަރުޖަމާނު އަހްމަދު އަކްރަމްވެސް ވަނީ، އެމަނިކުފާނަށް ރައްދު ދެއްވާ ޓުވީޓް ކުރައްވާފައެވެ.
އަކްރަމް ވިދާޅުވެފައިވަނީ، އީސީން ވޯޓުގެ ނަތީޖާ ގުނަނީ ތަންތަނަށް އެއްވާ މީހުނަށް ބަލައިގެން ނޫން ކަމަށެވެ.