ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ތާއީދު އޮތް ކަމަށް ރައްޔިތުން ދެއްކީ އެމަނިކުފާނު ދެކެ ބިރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.
ހަސަން ލަތީފު އެހެން ވިދާޅުވީ، 2018 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހު ބޭއްވި ރިޔާސީ އިންތިހާބުގެ ނަތީޖާ ގަބޫލުފުޅު ކުރައްވަން އަދިވެސް ދަތި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވި ކަމަށް ބުނެ އޮންލައިން ނޫހެއްގައި ރިޕޯޓް ކޮށްފައިވާ ހަބަރެއް ޓުވީޓް ކުރައްވަމުންނެވެ.
ރައީސް ޔާމީނާ ހަވާލާދީ އެ ނޫހުގައި ރިޕޯޓް ކޮށްފައިވާ ގޮތުން، ރަށްރަށުން އެމަނިކުފާނަށް ލިބިވަޑައިގެންނެވި ތާއީދަށް ބަލާއިރު، ރިޔާސީ އިންތިހާބުގެ ނަތީޖާ ގަބޫލުފުޅު ކުރައްވަން ދައްޗެވެ.
ހަސަން ލަތީފު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ރައީސް ޔާމީނަށް ތާއީދު އޮތް ކަމަށް މީހުން ބުނަމުން ދިޔައީ، އެމަނިކުފާނު އެފަރާތްތަކަށް އަނިޔާ ކޮށްފާނެތީ ބިރުން ކަމަށެވެ.
"ގަބޫލުކުރައްވަން ދަތިފުޅު ވާނެތާ! ކަންކަން ހަވާލުކުރެއްވި މީހުން ތިޔަ ހީފުޅުކުރައްވާ ވަރަށްވުރެ ބޮޑަށް ވިއްޔާ ރައީސް ޔާމީނަށް އޮޅުވާލީ،" ހަސަން ލަތީފު މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވެއެވެ.
އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގެ ނަތީޖާއަށް ބަލާއިރު، ބޮޑު ކޯލިޝަނަކާއެކު ވާދަކުރެއްވި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވީ 134،705 ވޯޓެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް 96،052 ވޯޓު ލިބިވަޑައިގެންނެވިއެވެ.
ނިމިގެންދިޔަ ރިޔާސީ އިންތިހާބަކީ، އާ ގާނޫނު އަސާސީއަށް އަމަލު ކުރަން ފަށައި، ޑިމޮކްރަސީއާ އެއްގޮތަށް ރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމް ބަދަލުވެގެންދިޔަ ފަހުން މިހާތަނަށް އެއް ކެންޑިޑޭޓަކަށް އެންމެ ގިނަ ވޯޓު ލިބުނު އިންތިހާބެވެ.