އިޒްރޭލާއެކު ހަދާފައިވާ ހުރިހާ އެއްބަސްވުންތައް ސަސްޕެންޑް ކުރުމަށް ނިންމަވާފައިވާ ކަމަށް ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވިދާޅުވެއްޖެއެވެ.
އިޒްރޭލާއެކު ފަލަސްތީނުން ހަދާފައިވާ އެއްބަސްވުންތައް ސަސްޕެންޑް ކުރަން އައްބާސް ނިމްމެވީ، ޕަލެސްޓައިން ލިބެރޭޝަން އޮގަނައިޒޭޝަންއާއެކު ބޭއްވެވި ކުއްލި ބައްދަލުވުމަކަށް ފަހުގައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
މީޑިއާއަށް މައުލޫމާތު ދެއްވަމުން އުމުރުފުޅުން 84 އަހަރުގެ އައްބާސް ވިދާޅުވީ، އިޒްރޭލާއެކު ހަދާފައިވާ އެއްބަސްވުންތައް ސަސްޕެންޑް ކުރަން ނިންމެވުމާއެކު، އެކަން ތަންފީޒު ކުރުމަށް ކޮމެޓީއެއް އެކުލަވާލާނެ ކަމަށެވެ.
އެހެންނަމަވެސް، އެކަމާ ގުޅޭ އިތުރު ތަފްސީލެއް ހާމަ ކުރައްވާފައެއް ނުވެއެވެ.
ފަލަސްތީނުގެ ރައީސް އެފަދަ ނިންމެވުމެއް ނިންމަވާފައިވަނީ، މިދިޔަ ހޯމަ ދުވަހު، އިޒްރޭލްގެ އަނިޔާވެރި ސިފައިން ފަލަސްތީނުގެ ބައެއް ގެތައް ސުންނާފަތިކޮށްލާފައި ވަނިކޮށެވެ.
އިޒްރޭލް ސިފައިން ވަނީ ގަވައިދާ ހިލާފަށް އިމާރާތްކޮށްފައިވާ ކަމަށް ބުނެ ފަލަސްތީނުގެ އަވަށެއްގައި ހުރި 70 ގެއެއް ބުލްޑޯޒަރު ބޭނުންކޮށްގެން ސުންނާފަތިކޮށްފައެވެ.
ފަލަސްތީނުގެ ރައީސް ވަނީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައެވެ. އެގޮތުން، އައްބާސް ވިދާޅުވީ، ފަލަސްތީނުގެ މީހުން ދިރިއުޅޭ ގެތައް، ގަވައިދާ ހިލާފަށް އިމާރާތް ކޮށްފައިވާ ކަަމަށް ބުނެ ސުންނާފަތި ކުރަނީ ފަލަސްތީނު މީހުންގެ "ނަސްލު ނައްތާލުމަށް" ކަމަށެވެ.
މީގެ ކުރިންވެސް އިޒްރޭލްގެ ހައްދުފަހަނައަޅާފައިވާ ސަރުކާރުން ވަނީ، ފަލަސްތީނުގެ ރައްޔިތުން ދިރިއުޅެމުން އައި އެތައް ގެއެއް ސުންނާފަތި ކޮށްލާފައެވެ.