ރާއްޖޭގެ 54 ވަނަ މިނިވަން ދުވަހުގެ މުނާސަބާގައި ދުނިޔޭގެ އެކި ގައުމުތަކުން ރާއްޖޭގެ އެންމެހާ ރައްޔިތުންނާއި ރާއްޖޭގެ ސަރުކާރަށް މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުވައިފިއެވެ.
އެގޮތުން އެމެރިކާ، މެކްސިކޯ، ކެނެޑާ، ޖަރުމަން، ނޯވޭ، އަޒަބާޖަން އަދި އަވަށްޓެރި ސްރީލަންކާ އިން ވަނީ ރާއްޖޭގެ ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ އަރިސްކޮށްފައެވެ. މީގެ އިތުރުން ޔޫރަޕިއަން ޔޫނިއަން، އީޔޫ އިން ވަނީ ރާއްޖޭގެ މިނިވަން ދުވަހުގެ ތަހުނިޔާ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އަރިސްކޮށްފައެވެ.
އަވަށްޓެރި ލަންކާގެ ފޮރިން މިނިސްޓްރީން މިއަދު ޓުވީޓެއް މެދުވެރިކޮށް ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް ލަންކާގެ ރައްޔިތުންގެ ނަމުގައި ވަނީ މިނިވަން ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާފައެވެ. އަދި އުފާވެރިކަމާއި އަމާންކަމާއެކު ރާއްޖެއިން މިނިވަން ދުވަސް ފާހަގަ ކުރުމަށް އެދޭ ކަމަށް ލަންކާގެ ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.
ނޯވޭ އިން ރާއްޖެއާއި ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަ ސަފީރު ތޯބިއޯން ގޮއޯސްޓާޑްސަތާ ކުރެއްވި ޓުވީޓެއްގައި ވަނީ ނޯވޭގެ ސަރުކާރުގެ ނަމުގައި ރާއްޖޭގެ ސަރުކާރާއި ރައްޔިތުންނަށް މިނިވަން ދުވަހުގެ ތަހުނިޔާ އަރިސްކޮށްފައެވެ. އަދި އެގައުމުން ރާއްޖެއާއެކު މަސައްކަތް ކުރުމަށް ތައްޔާރަށް ތިބި ކަމަށް ތޯބިއޯން ވިދާޅުވެފައި ވެއެވެ.
ރާއްޖެއަށް ޖަރުމަނުން ކަނޑައަޅާފައި ހުންނަ އޮނަނަރީ ކޮންސަލް އެންޑްރަސް ވިޓޭ ވެސް ވަނީ ރާއްޖޭގެ ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާ ޓުވީޓެއް ކުރައްވާފައެވެ. އޭނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖެ ވަރަށް ކުރިއަރާފައިވާ ކަމަށެވެ. އަދި ރާއްޖެއިން ޖަރުމަނާއި އީޔޫއަށް ދިއުމަށް ވިސާގެ ކަންކަން ފަސޭހަ ކުރުމަށް މަސައްކަތް ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެމެރިކާގެ ސަރުކާރުން ރާއްޖޭގެ ސަރުކާރާއި ރައްޔިތުންނަށް މިނިވަންދުވަހުގެ ތަހުނިޔާ އަރިސްކޮށް އެގައުމުގެ ޑިޕާޓްމަންޓް އޮފް ސްޓޭޓުން ވަނީ ލިޔުމެއް އާންމުކޮށްފައެވެ. އެމެރިކާއިން ވަނީ ރާއްޖޭގެ ޑިމޮކްރަސީގެ މާހައުލަށް އަންނަ ބަދަލުތައް ފެނިފައިވާ ކަމަށާއި، ދެގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް އެމެރިކާއިން ތައްޔާރަށް ތިބިކަމަށް ބުނެފައެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި ދެގައުމު ގުޅިގެން އެކީ މަސައްކަތް ކުރަން ބޭނުންވާކަން އެމެރިކާއިން ވަނީ ހާމަކޮށްފައެވެ.