އަމީނިއްޔާ ސްކޫލުގެ ކުރީގެ ޕްރިންސިޕަލް އާތިޔާ ނަސީރު މަގާމުން ވަކިކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި، ބަދަލުގެ ގޮތުގައި 155،000 ރުފިޔާ ދިނުމަށް ހައިކޯޓުން ހުކުމްކޮށްފިއެވެ.
ސިވިލް ކޯޓުގެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން މިދިޔަ ބުރާސްފަތި ދުވަހު ހައިކޯޓުން ކުރި ހުކުމުގައިވަނީ އާތިޔާ މަގާމުން ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށެވެ. އެހެންކަމުން ބަދަލުގެ ގޮތުގައި ހަމަސްދުވަހުގެ މުސާރައަށްވާ 155،000 ރުފިޔާ ހަމަސްދުވަހުގެ ތެރޭޣައި ދިނުމަށް ވެސް ވަނީ އަމުރުކޮށްފައެވެ.
2011 ވަނަ އަހަރުން ފެށިގެން އަމީނިއްޔާ ސުކޫލްގެ ޕްރިންސިޕަލް ކަމުގެ މަގާމުގައި ހުންނެވި އާތިޔާ ނަސީރު، މަގާމުން ވަކިކޮށްފައިވަނީ 14 އެޕްރީލް 2015 ގައެވެ.
އާތިޔާ މަގާމުން ވަކިކުރީ އޭނާ މަގާމުގައި ބަހައްޓައިފިނަމަ އިތުރު ގެއްލުންތައް ލިބިދާނެ ކަމަށް ފެންނާތީ ކަމަށް ބުނެ އެޑިއުކޭޝަން މިނިސްޓްރީން ސިވިލް ސާވިސް ކޮމިޝަނަށް ފޮނުވާފައިވާ ސިޓީއަކާ ގުޅިގެންނެވެ.
އާތިޔާ ތައުލީމީ ދާއިރާގައި ވަޒީފާ އަދާކުރައްވަން ފެއްޓެވީ 1995 ވަނަ އަހަރު ޓީޗަރެއްގެ ގޮތުގައެވެ. އޭގެ ފަހުން ސުކޫލްތަކުގެ ހުރިހާ ލެވަލެއްގައިވެސް މަގާމުތައް އަދާކުރައްވާފައިވެއެވެ. އާތިޔާ މިހާރު ވަޒީފާ އަދާކުރައްވަނީ އޭޑީކޭގައެވެ.