ޝަހީދާ އަބްދުﷲ ސައީދު
ދިވެހި ކާބަފައިން ހޯދައިދީފައިވާ މިނިވަންކަން އަންނަން އޮތް ޖީލަށް ފޯރުކޮށްދިނުމަށްޓަކައި ސާބިތުކަމާއެކު ދެމިތިބޭނެ ކަމަށް ގައުމީ ދިފާއީ ބާރުން ބުނެފިއެވެ.
ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނުތާ 54 އަހަރު ފުރުމާ ގުޅިގެން ގައުމީ ދިފާއީ ބާރުން މިއަދު ނެރުނު ތަހުނިޔާގެ މެސެޖުގައި ބުނީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ދެމެހެއްޓުމަށްޓަކައި ވާންޖެހުނު ކޮންމެ ގުރުބާނީއެއް ވުމުގެ އަޒުމުގައި ސިފައިން ދެމިތިބޭނެ ކަމަށެވެ.
އަދި ރާއްޖެ މިދެކޭ އުފާވެރިކަމާ ހިތްހަމަ ޖެހުން ލިބިފައި މިވަނީ ގައުމަށްޓަކައި ލެޔާއި ފުރާނައިން ގުރުބާންވި އެތައް ދިވެހި ދަރިއެއްގެ މަތިވެރި ގުރުބާނީގެ ސަބަބުން ކަމަށް ސިފައިންގެ މެސެޖުގައި ވެއެވެ.
އަދި މި ގައުމަށް ޖެހެމުންދާ މިނިވަންކަމުގެ ވައިރޯޅިއަށް ދެވުނު ކޮންމެ ހަމަލާއަކުން ސަލާމަތްވެ، މިނިވަންކަމުގެ ރަމްޒުކަމުގައިވާ ދިވެހި ދިދަ މިނިވަންކަމާއެކު ވިހުރެމުން އެދަނީ އެ ހަނދާންތަކާއި ޒިކުރާތައް ސިފައިންނަށް އާ ކޮށްދެމުން ކަމަށް މެސެޖުގައި ވެއެވެ.
މި މެސެޖްގައި ދިވެހިރާއްޖޭގެ 54 ވަނަ ފަޚުރުވެރި މިނިވަންދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށާއި, ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ ދެ ކަނބަލުންނަށާއި ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ވަނީ ދަންނަވާފައެވެ.