ބަންގްލަދޭޝްގެ ކޯކްސް ބާޒާރުގައި ދިރިއުޅެމުން އަންނަ އެތައް ހާސް ރޮހިންޔާ ރެފިއުޖީންގެ ތެރެއިން، އުމުރުން އެންމެ ހަތް އަހަރުގެ މުހައްމަދު (އަސްލު ނަމެއް ނޫން) އަކީވެސް ދިރިއުޅުމަށްޓަކައި ފޮނި އުއްމީދުތަކެއް ކުރާ ކުއްޖެކެވެ.
އުފާވެރި މުސްތަގުބަލެއް އޭނާވެސް ބޭނުންވެއެވެ. މުހައްމަދުވެސް ބޭނުންވަނީ، އޭނާގެ އުމުރުގެ އެހެން ކުދިންނެކޭ އެއްފަދައިން ކިޔަވައިގެން މޮޅު މީހަކަށް ވާށެވެ. އޭނާ ބުނިގޮތުގައި ބޮޑުވެގެން ޑޮކްޓަރަކަށް ވުމަކީ އޭނާގެ ހުވަފެނެކެވެ. އޭނާއަށް ވަނީ، މިޔަންމާއިން ބަންގްލަދޭޝްއަށް ހިޖުރަކުރި ރެފިއުޖީންގެ ތެރެއިން ހާލުގައި އުޅޭ އެތައް ބަޔަކު ފެނިފައެވެ. އޭގެ ތެރޭގައި ބަލިވުމުން ފަރުވާ ހޯދަން ނުކުޅެދިފައިވާ ނިކަމެތި އެތައް ބަޔަކުވެސް އުޅެއެވެ. އެހެންކަމުން، މުހައްމަދު ބޭނުންވަނީ އެފަދަ މީހުންނަށް ފަރުވާދޭނެ ޑޮކްޓަރަކަށް ވާށެވެ.
މުހައްމަދު އޭނާގެ ހުވަފެންތަކުގައި ކުލަ ޖައްސަން ބޭނުންވިޔަސް، އޭނާ ގަބޫލު ކުރާ ގޮތުގައި އޭނާގެ މުސްތަގުބަލު އަދި އޮތީ ވަަރަށް ބަނަކޮށެވެ.
"އަހަރެންނަށް އެނގޭ، އަހަރެންގެ ހުވަފެންތައް ހަގީގަތަކަށް ނުވާނެކަން،" މުހައްމަދު ވަރަށް ދެރަވެފައި ބުންޏެވެ.
މުހައްމަދަކީ ބުޑިސްޓުންގެ މެޖޯރިޓީ އޮންނަ މިޔަންމާގެ ސިފައިން އެގައުމުގެ ރަހައިން ސްޓޭޓްގައި ދިރިއުޅޭ ރޮހިންޔާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް ހިންގި ލާއިންސާނީ ޖަރީމާތަކާ ގުޅިގެން، އެގައުމު ދޫކޮށް ރެފިއުޖީންގެ ގޮތުގައި ބަންގްލަދޭޝްއަށް ހިޖުރަ ކުރި 700،000 ރެފިއުޖީންގެ ތެރެއިން ކުއްޖެކެވެ. އެމީހުން ބަންގްލަދޭޝްއަށް ހިޖުރަ ކުރީ 2017 ވަނަ އަހަރުގެ މެދުތެރޭގައެވެ.
އދއިން ބުނީ އެންމެ ފަހުން ބަންގްލަދޭޝްއަށް ރެފިއުޖީންގެ ގޮތުގައި ދިޔަ މީހުންގެ ތެރޭގައި އެންމެ ގިނައީ، އަންހެނުންނާއި ކުޑަކުދިން ކަމަށެވެ. ބަންގްލަދޭޝްއަށް ހިޖުރަ ކުރި ރެފިއުޖީންނަށް އަސާސީ ބޭނުންތައް ފުއްދުމުގައި އެހީތެރިވަނީ ބަންގްލަދޭޝްގެ ސަރުކާރާއި އެހީދޭ ބައިނަލްއަގުވާމީ އިތުރު ޖަމާއަތްތަކުންނެވެ. ހާލުގައި ޖެހިފައިވާ ރެފިއުޖީންނަށް ބޭނުންވާ އެތައް ކަމެއް އަދިވެސް ނުފުއްދި ހުރިއިރު، 2019 ވަނަ އަހަރުގެ ނިޔަލަށް، ބަންގްލަދޭޝްގައި ދިރިއުޅެމުން އަންނަ ރެފިއުޖީންނަށް އެހީގެ ގޮތުގައި، 920.5 މިލިއަން އެމެރިކާ ޑޮލަރު ހަރަދުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ބަންގްލަދޭޝްގައި ރޮހިންޔާ ރެފިއުޖީން ދިރިއުޅެމުން އަންނަނީ ތޮއްޖެހިފައިވާ މާހައުލެއްގައެވެ. އެ ކޭމްޕުތަކުގައި ސާފުތާހިރު ކަމެއް ނެތެވެ. ބަލިމަޑުކަން ވަނީ އިންތިހާއަށް ފެތުރިފައެެވެ. މޫސުމީ ވިއްސާރައާ އެކީގައި އެބަލިމަޑުކަން ވަނީ އިތުރެވެ.
ދަނޑިފަނުން ހަދާފައިވާ ރެފިއުޖީ ކޭމްޕްތަކުގައި ގާތްގަނޑަށް 500،000 ކުޑަކުދިން، ވަަރަށް ނިކަމެތި ހާލުގައި އަންނަނީ ދިރިއުޅެމުންނެވެ.
ޖީލެއް ގެއްލިދާނެ ކަމުގެ ބިރު:
ރޮހިންޔާ ރެފިއުޖީންނަށް ތައުލީމު ހާސިލު ކުރުމުގެ ފުރުސަތެއް ނެތެވެ. އުޖާލާ މުސްތަގުބަލަކަށް މަގު ކޮށުމުގެ ދޮރު، އެ ފަރާތްތަކަށްޓަކައި ވަނީ ބަންދުވެފައެވެ. ބަންގްލަދޭޝްގައި ރޮހިންޔާ ރެފިއުޖީންގެ ގޮތުގައި ރަސްމީ ސިފައެއްގައި އެމީހުން ބަލައިގެންފައި ނުވާތީ، އެގައުމުގެ އެއްވެސް ޕަބްލިކް ސްކޫލަކުން އިލްމު އުނގެނުމުގެ ފުރުސަތެއް ރޮހިންޔާގެ ކުޑަކުދިންނަކަށް ނެތެވެ.
އެހެންނަމަވެސް އދގެ ކުޑަކުދިންނާ ބެހޭ ފަންޑުން، ކޮންމެ ދުވަހަކުވެސް ދެގަޑިއިރު، އެކުދިންނަށް އިނގިރޭސި، ހިސާބު އަދި ދިރިއުޅުމަށް ބޭނުންވާ ބައެއް ހުނަރުތައް އުނގަންނައިދެެއެވެ. އެ ފުރުސަތު އޮތީ، އުމުރުން 4 އަހަރާއި 14 އަހަރާ ދެމެދުގެ ކުދިންނަށެވެ. އެއީ އަސާސީ ތައުލީމަށް ވުރެވެސް ކުޑަ މިންވަރެކެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި، އދގެ ކުޑަކުދިންނާ ބެހޭ ފަންޑުން ދޭ ތައުލީމު ލިބިގަންނަނީ ރޮހިންޔާ ކުޑަކުދިންގެ ތެރެއިން 30 އިންސައްތަ ކުދިންނެވެ. އެއީ 145،000 ކުދިންނެވެ.
1،600 ލާނިން ސެންޓަރުގައި ފޯރުކޮށްދޭ އެ ތައުލީމު ލިބިގަތުމަށް އުމުރުން 15 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންނަކަށް ފުރުސަތެއް ނޯވެއެވެ.
ރެފިއުޖީ ކޭމްޕްގައި އުޅޭ މުހައްމަދަށްވެސް ސްކޫލަކަށް ނުދެވެއެވެ.
"އަހަރެން، އަހަރެންގެ އާއިލާ ބަލަނީ،" އުމުރުން ހަތް އަހަރުގެ މުހައްމަދު ބުންޏެވެ.
އެއްވެސް ތައުލީމެއް ނުލިބި، ރޮހިންޔާގެ ރެފިއުޖީންގެ ގޮތުގައި ބޮޑުވަމުން އަންނަ ކުދިން، ދިރިއުޅުމަށްޓަކައި ފޮނި ހުވަފެންތައް އަންނަނީ ދެކެމުންނެވެ. އެހެންނަމަވެސް، އެ ހުވަފެންތަކުގައި ކުލަ ޖެހޭނެ ކަމުގެ އުއްމީދެއް ނެތެވެ. މުހައްމަދު ފަދައިން، އުފާވެރި ހަޔާތެއް ބޭނުންވެފައި ތިބި ރޮހިންޔާ ދަރިކޮޅުގެ އެތައް ހާސް ކުދިންނެއް މިއަދު ވަނީ މާޔޫސްވެފައެވެ.