ރަޝިޔާ

މިއަދުން ފެށިގެން ވިސާ ނެތި ދިވެހިންނަށް ރަޝިޔާއަށް ދެވޭނެ

ވިސާއާ ނުލައި ދިވެހިންނަށް ރަޝިޔާއަށް ދަތުރުކުރެވޭ އެއްބަސްވުމަށް މިއަދު އަމަލުކުރަން ފަށައިފިއެވެ.

މިދިޔަ ޖޫން މަހުގެ 24 ގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރަޝިޔާއަށް ކުރެއްވި ދަތުރުފުޅުގައި ރަޝިޔާއިން ދިވެހީންނަށް 90 ދުވަހުގެ އޮން އެރައިވަލް ވިސާ، ލިބޭ އެއްބަސްވުމެއްގައި ރާއްޖެއިން ވަނީ ސޮއިކުރައްވައިފައެވެ.

ފޮރިން މިނިސްޓްރީން ބުނިގޮތުގައި މި އެއްބަސްވުމުގެ ބޭނުމަކީ ދެގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، ފަސޭހަކަމާއެކު އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރެވޭނެ މަގު ފަހިކުރުމެވެ.

ރަޝިޔާގެ ފޮރިން މިނިސްޓްރީން ހާމަކުރި ގޮތުގައި މިއަދުން ފެށިގެން 90 ދުވަހުގެ އޮންއެރައިވަލް ވިސާ ލިބޭނީ، ޓޫރިސްޓުންގެ ގޮތުގައި ދަތުރުކުރާ ފަރާތްތަކަށް ކަމަށެވެ.

އަދި ކިޔެވުމާއި ދިރިއުޅުން އަދި ވިޔަފާރީގެ ބޭނުންތަކަށް އެއް ގައުމުން އަނެއް ގައުމަށް ދަތުރު ކުރާއިރު، ދެ ގައުމުގެ ރައްޔިތުން ވެސް ކުރިއެކޭ އެއްގޮތަށް ވިސާ ނަގަން ޖެހޭނެ ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީން ބުނެއެވެ.