އެމްއެންޑީއެފް

ނަސްރުގެ ދުވަހުގެ މިއުޒިކަލް ޑްރިލް ތިނެއް ނޮވެމްބަރުގައި ޖުމްހޫރީ މައިދާނުގައި

ދިވެހި ރާއްޖޭގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ އެމްއެންޑީއެފް ޑްރިލް ޑިސްޕްލޭގެ ހަރަކާތްތައް ތިނެއް ނޮވެމްބަރުވާ ހޮނިހިރު ދުވަހު ޖުމްހޫރީ މައިދާނުގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

އެ ދުވަހުގެ ހަވީރު ހަތަރެއް ޖަހާއިރު ފެށުމަށް ހަމަޖައްސައިފައިވާ އެމްއެންޑީއެފް ގެ މިއުޒިކަލް ޑްރިލް ޑިސްޕްލޭގެ ހަރަކާތްތައް ބަލައިލުމުގެ ފުރުސަތު ވަނީ އާންމު ކޮށް ހުޅުވާލެވިފައި ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

އެމްއެންޑީއެފް ގެ މިއުޒިކަލް ޑްރިލް ބަލައިލުމުގެ ފުރުސަތު ހުޅުމާލެ އަދި ވިލިމާލޭގެ ރައްޔިތުންނަށް ވަކީން ފަހިކޮށަދޭން ވަނީ ނިންމައިފަ އެވެ. އެ ގޮތުން މިމަހު ހަތަރު ވަނަ ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކް ސަރަހައްދުގައި އަދި މިމަހު ފަސް ވަނަ ދުވަހު ވިލިމާލެ ބަނދަރު ސަރަހައްދުގައި ހަވީރު ފަހެއް ޖަހާއިރު ޑްރިލް ގެ ހަރަކާތްތައް ބާއްވާނެ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ މިއުޒިކަލް ޑްރިލް ޑިސްޕްލޭއަކީ އަސްކަރީ ސިފަވަންތަ ކަމާއި، ސަފުތަކުގެ ބަދަހިކަމާއި އެކުގައި މަސައްކަތްކުރުމުގެ ރޫހު ދައްކުވައިދޭ ހެވިކަމެކެވެ. މިކަމުގައި ކޮމާންޑު ދިނުން ނުހިމެނޭ އިރު، ގެމައިގެ ހުރިހާ ހަރަކާތެއް ވެސް ކުރިޔަށް ދަނީ ވަކި ސީކުއެންސެއްގެ ގޮތުގައެވެ.

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ވަނީ އިތުރު ހަރަކާތްތަކެއްވެސް ރާވާފައެވެ. އެގޮތުން ނޮވެމްބަރު ތިން ވަނަ ދުވަހު އދ. މަހިބަދޫ ސްކޫލު ހޯލުގައި ސިފައިންގެ 22 ވަނަ ފޮޓޯ މައުރަޒު ބޭއްވުމަށް ވަނީ ހަމަޖައްސައިފަ އެވެ. މި މައުރަޒު ހުޅުވިފައި ހުންނާނީ ތިން ވަނަ ދުވަހު ހަވީރު 4 އިން 6 އަށެވެ.

އަދި ހަމަ މިއާ އެކު ޝަހީދުންގެ ހަނދާނީ ބިނާގައި ދިދަ މައުންޓުކުރުމާއި ގާޑް މައުންޓުކުރުން ވެސް ތިނެއް ނޮވެމްބަރުގައި ބާއްވާ ގޮތަށް އެމްއެންޑީއެފުން ވަނީ ނިންމާފައެވެ. މި ރަސްމިއްޔާތު އޮންނާނީ އެދުވަހު ހެނދުނު 06:30 ގައި ޝަހީދުންގެ ހަނދާނީ ބިނާ ސަރަހައްދުގައެވެ.