ދައުލަތުގެ މުއައްސަސާތަކުގެ ނަޒާހަތްތެރިކަން ގެއްލިދާނެފަދަ ކަންކަން ޓީީވީން ވަގުތުން ދެއްކުމަކީ، ސަރުކާރު ބަލިކަށިވަމުންދާކަން ހާމަވާނެ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު، އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދައުލަތުގެ މުއައްްސަސާއެއްގެ ނަޒާހަތްތެރިކަމާމެދުގައި ސުވާލު އުފެދޭނެ ފަދަ ކަންކަން ލައިވް ކުރުމަކީ، ރައްޔިތުންގެ މެދުގައި މުއައްސަސާއަކަށް އޮންނަ އިތުބާރު ގެއްލިގެން ހިނގައިދާނެ ކަމެއް ކަމަށެވެ. އަދި އެފަދައިން އަމަލު ކުރުމަކީ ނިޒާމްތައް ހަރާބު ކުރުން ކަމުގައިވެސް އާދަމް ޝަރީފް ވަނީ ސިފަކުރައްވާފައެވެ.
އިދިކޮޅު ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުކަންވެސް ކުރައްވާ އާދަމް ޝަރީފު އެހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއަށް ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް ހާޒިރުކޮށްގެން ސުވާލުކުރިއިރު، އެމަންޒަރު ޓީވީތަކުން ވަގުތުން ދެއްކުމާއި ގުޅިގެންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީ އަށް ޕީޖީ ބިޝާމް އިއްޔެ ހާޒިރުކޮށް، ކޮމެޓީގެ މެންބަރުން އަމާޒު ކުރެއްވި ސުވާލުތައް ބޮޑަށް އަމާޒު ކުރެއްވީ ކުރީގެ ސަރުކާރުގެ ދުވަސްވަރު ޕީޖީން ދައުވާކުރި ސަބަބުތަކާ ބެހޭގޮތުންނެވެ.
އެގޮތުން ދައުވާ ކުރުމުގައި އެއްވެސް ނުފޫޒެއް އޮތްތޯ އާއި ކޯޓުތަކުގައި ސިޔާސީ ބޭފުޅުންގެ މައްސަލަތަކުގައި ދައުލަތުގެ ސްޓޭންޑް އެކި ގޮތަށް ބަދަލުވާ މައްސަލާގައިވެސް ސުވާލުކުރައްވާފައިވެ އެވެ. އަދި ސިޔާސީ ބޭފުޅުންގެ މައްޗަށް ދައުވާ ކުރުމަށް ފަހު ވެރިކަން ބަދަލުވުމުން އެ ދައުވާތައް އަނބުރާ ގެނެސްފައިވާކަން ވެސް މެންބަރުން ފާހަގަކުރެއްވި އެވެ.