މިހާތަނަށް ދުނިޔޭގައި ހަދާފައިވާ އެންމެ އުސް ސްޓެޗޫ އިންޑިއާގައި ބަހައްޓައިފިއެވެ.
ކުލަގަދަ ރަސްމިއްޔާތަކާއި އެކު މި ސްޓެޗޫ ހުޅުއްވައިދެއްވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އެވެ.
އެއްބައިވަންތަ ކަމުގެ ރަމްޒެއްގެ ގޮތުގައި ހަދާފައިވާ މި ސްޓެޗޫ ހަދާފައިވަނީ އިންޑިއާގެ "އަޔަން މޭން" ގެ ނަމުގައި ނަންދެވިފައިވާ ސަރުދާރު ވައްލަބާއި ޕަޓެލްގެ ސޫރައާއި ވައްތަރު ގޮތަކަށެވެ.
ސްޓެޗޫ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މޯދީ ވިދާޅުވީ މި ސްޓެޗޫގެ ހާއްސަ ޝަރަފުވެރިއަކީ ސަރުދާރު ކަމަށެވެ.
އޭނާޝަރަފުވެރި ވަނީ ގައުމު އެއްބައިވަންތަ ކުރުމަށް ކޮށްފައިވާ މަސައްކަތް ތަކުގެ ސަބަބުން ކަމަށް މޯދީ ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ވަނީ މި ސްޓެޗޫ ހެދުމަށް ބޭނުންވާ ދަގަނޑު ކެނޑުމަށް އެންމެ ފުރަތަމަ ބޭނުންކުރި މަރުތެޔޮތަކުން މަރުތޭލެއް މޯދީއަށް ހަދިޔާކޮށްފައެވެ.
މޯދީ ވިދާޅުވީ އޭނާ ގުޖުރާތުގެ ޗީފް މިނިސްޓަރު ކަމުގައި ހުންނެވިއިރު ކަވަދިޔާ ސަރަހައްދަށް ޒިޔާރަތް ކުރައްވާއިރު ސަރުދާރުގެ ސްޓެޗޫއެއް ހެދުމުގެ ވިސްނުމެއް އައި ކަމަށާއި ނަމަވެސް އޭރު އެއީ ކުރެވޭނެ ކަމެއް ނޫންކަމަށް ގަބޫލު ކުރެއްވުނުކަމަށެވެ. ނަމަވެސް އެ ހުވަފެން މިއަދު ހަގީގަތަކަށް ވެއްޖެ ކަމަށާއި މިއީ ސަރުދާރަށް ކޮށްދެއްވި ކަމެއް ކަމަށް މޯދީ ވިދާޅުވިއެވެ.
މޯދީ ވިދާޅުވީ އިންޑިއާގެ ކޮންމެ ރައްޔިތަކުވެސް ސަރުދާރު ގެ ހިތްވަރުން ހިތްވަރު ލިބިގަންނަން ޖެހޭ ކަމަށާއި އިންޑިއާ އެއްބައިވަންތަ ގައުމަކަށް ހެދުމަށް އެންމެން މަސައްކަތް ކުރަން ޖެހޭކަމަށެވެ.
އުސްމިނުގައި 597 ފޫޓު ހުންނަ މި ސްޓެޗޫ ހެދުމަށް 70،000 ޓަނުގެ ސިމެންތި ބޭނުން ކޮށްފައި ވާއިރު 1700 މެޓްރިކްޓަނުގެ ބްރޯންޒް ބޭނުންކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. މިއީ އިންޑިއާގެ އާކިޓެކްޗަރުންގެ ހުނަރުވެރި މަސައްކަތެއް ކަމަށް ބުނެ އެތައް ބަޔަކު އަންނަނީ ތައުރީފުކުރަމުންނެވެ.