މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް

ކުޑަރިކިލުގައި ހުރި ދުވަސްވީ މިސްކިތެއް އާސާރީ ތަނެއްގެ ގޮތުގައި ތަރައްގީކުރަނީ

ބ. ކުޑަރިކިލުގައި ހުރި ދުވަސްވީ މިސްކިތެއް، އާސާރީ ތަނެއްގެ ގޮތުގައި ތަރައްގީ ކުރަން ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށައެޅުމަށް ހުޅުވާލައިފި އެވެ.

ހެރިޓޭޖު މިނިސްޓްރީން ބުނި ގޮތުގައި ކުޑަރިކިލު މިސްކިތުގެ އެމަސައްކަތްކޮށް ދިނުމަށް އެދޭ ފަރާތްތަކުން އަންދާސީ ހިސާބު ހުށައެޅުން އޮންނާނީ 2019 އޮގަސްޓް 1 ވަނަ ދުވަހުގެ 11:30ގައި، ހެރިޓޭޖާއިި އަދި ކުޑަރިކިލު ކައުންސިލް އިދާރާގައި ކަމަށެވެ.

މިކަމާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް މިމަހުގެ 25 ވަނަ ދުވަހު 11:30ގައި ހެރިޓޭޖް އަދި ކުޑަރިކިލު ކައުންސިލް އިދާރާގައި އޮންނާނެ ކަމަށްވެސް ހެރިޓޭޖުން ބުނެއެވެ.

ކުޑަރިކިލު އާސާރީ މިސްކިތުގައި ނަމާދުކުރުން ހުއްޓާލައި، އެމިސްކިތް ދޫކޮށްލީ 1989 ވަނަ އަހަރު އެރަށުގައި ނަމާދު ކުރުމަށް އާ މިސްކިތެއް ބޭނުން ކުރަން ފެށުމުންނެވެ.

ކުޑަރިކިލުގެ ބާ މިސްކިތަކީ ހިރިގަލާއި އުވައިން ބިނާކޮށްފައިވާ މިސްކިތެކެވެ. މިސްކިތް އިމާރާތްކޮށްފައި ހުރި ގޮތަށް ބަލާއިރު އެންމެ ބޮޑަށް ފާހަގަކުރެވޭ އެއް ކަމަކީ، ވަށައި އެނބުރޭ ގޮތަށް ކުކުޅު ބިސްބުރަށް ހިރިގަލުން ހަދާފައިވާ ދެ ކުޑަދޮރު އެމިސްކިތުގައި ހުރުމެވެ. މިސްކިތް އިމާރާތްކުރީ ކުޑަރިކިލު ނައިބު ކަލޭފާނެވެ.

ނައިބު ކަލޭފާނަކީ ކުޑަރިކިލު ކަތީބު ކަމާއި އެ އަތޮޅުގެ ކެންދޫ އާއި ކަމަދޫގެ ނައިބުކަން ކުރެއްވި ބޭފުޅެކެވެ. އަދި އޭގެ އިތުރުން ފަނޑިޔާރުކަން ވެސް ކުރެއްވި އިލްމުވެރިއެކެވެ. އޭނާއަށް ކަލޭފާނުގެ ލަގަބު ދެއްވީ ހަސަން ފަރީދާއި މުހައްމަދު އަމީނެވެ. ނައިބު ކަލޭފާނު އަވަހާރަވީ 1970 ވަނަ އަހަރު އެވެ.