ބާ ކައުންސިލް

ބާ ކައުންސިލްގެ ހިންގާ ގަވައިދަށް އަމަލުކުރަން ފަށައިފި

އާނިފާ ހުސެއިން ސިރާޖް

ބާ ކައުންސިލްގެ ހިންގާ ގަވައިދަށް އަމަލުކުރާން ފަށައިފި އެވެ.

ބާކައުންސިލްގެ ހިންގާ ގަވާއިދަށް އަމަލުކުރަން ފަށާފައިވަނީ އިއްޔެއެވެ. މި ގަވާއިދުގެ އެގްޒެކެޓިވް ކޮމެޓީގެ ޖަލްސާތައް ބެހިގެންވަނީ ހަތަރު ބަޔަކަށެވެ. އެއީ ރަސްމީ ޖަލްސާ، ނުރަސްމީ ޖަލްސާ، މަޝްވަރާ ބައްދަލުވުން އަދި ކުއްލި ޖަލްސާ އެވެ.

މި ގަވާއިދުގައި ބުނެފައިވާ ގޮތުގައި، ރަސްމީ ނިންމުމަކަށް ނުވާނެ ކޮންމެ ނިންމުމެއް ނިންމުމަށް އިންޓަނެޓް މެދުވެރިކޮށް ނުވަތަ މުވާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން "ޓެލެކޮންފަރެންސިންގ" ގެ އުސޫލުން ނުވަތަ "ވަރޗުއަލް މީޓިންގ" ގެ އުސޫލުން ނުވަތަ "އީ-މީޓިންގ" ގެ އުސޫލުން އެގްޒެކެޓިވް ކޮމިޓީގެ މެންބަރުން އެއް ހާޒިރުވުމެއް ނެތި ބައިވެރިވާގޮތަށް އިންތިޒާމުކުރާ ބައްދަލުވުންތައް ބޭއްވުމަށާއި، އެ ފަދަ ބައްދަލުވުންތަކުގައި ރަސްމީ ނިންމުމަކަށް ނުވާނޭ އެންމެހައި އެހެން ނިންމުންތައް ނިންމުމަށް ގަވާއިދު ހުރަހެއް ނާޅައެވެ.

އެގްޒެކެޓިވް ކޮމިޓީގެ އެއްވެސް ކަމެއް ނިންމޭނީ، ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތު އެކަމަށް ލިބިގެން ކަމަށް ގަވައިދުގައި ބުނެފައިވެ އެވެ. ނަމަވެސް އާންމު އުސޫލެއްގެގޮތުން އެގްޒެކެޓިވް ކޮމިޓީގެ މައްސަލަތައް ނިންމޭތޯ ބަލާނީ، ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުން ކަމަށް ގަވައިދުގައި ބުނެ އެވެ.

ބާ ކައުންސިލްގެ ހިންގާ ގަވައިދު ބުނާ ގޮތުން، އެ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ ރަސްމީ ޖަލްސާއެއް މަދުވެގެން މަހަކު ދެ ފަހަރު ބާއްވަން ވާނެ އެވެ.

ބާ ކައުންސިލްގައި ރައީސެއް، އަދި ނައިބު ރައީސެއްގެ އިތުރުން ބަންޑާރަ ނައިބު އަދި ހަ މެންބަރުން ތިބެއެވެ. ބާ ކައުންސިލްގެ މަގާމުތަކަށް ބޭފުޅުން ހޮވަނީ ވަކީލުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ. ވަކީލުންގެ ހައްގުތަކާއި އިމްތިޔާޒުތައް ހިމާޔަތްކުރުމާއި، ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ދީ، ގާނޫނީ ވަކީލުންގެ މަސައްކަތްތަކާ ގުޅޭ އެންމެހާ ކަންކަން ރެގިއުލޭޓް ކުރާނީ ބާ ކައުންސިލުންނެވެ.