ދައުލަތުގެ މީޑިއާ ހިންގާ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްްއެމް) ގެ މުވައްޒިފުން މަދުކުރަން ޕްރައިވަޓައިޒޭޝަން ބޯޑުން ލަފާދީފިއެވެ.
ޕްރައިވަޓައިޒޭޝަން ބޯޑުން މިގޮތަށް ލަފާދިނީ، ހިންގުމުގެ ޚަރަދު ބޮޑުވެ ކުންފުނީގެ ފައިދާ ބޮޑުތަނުން ދަށަށް ދިޔުމާ ގުޅިގެންނެވެ.
މިދިޔަ ހަފްތާގައި އާއްމު ކުރި، ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ އަހަރުގެ ފަހު ކުއާޓަރާ އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ ކުއާޓާގައި އެކުންފުނީގެ އާމްދަނީ ވަނީ 4880 ޕަސެންޓް ދަށްވެފައެވެ. ހުސްވި 2018 ވަނަ އަހަރުގެ ފަހު ކުއާޓާގައި ޕީއެސްއެމްއަށް އާމްދަނީގެ ގޮތުގައި ލިބުނީ 11.9 މިލިއަން ރުފިޔާއެވެ. އެ އަދަދު މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ވަނީ 6.1 މިލިއަނަށް ދަށްވެފައެވެ.
ތަފާސް ހިސާބުތަކުގައި ވާގޮތުން، 2018 ވަނަ އަހަރުގެ ފަހު ކުއާޓަރަށްވުރެ މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ޕީއެސްއެމްގެ އޮޕަރޭޓިން ހަރަދުތައް ވެސް ވަނީ ކުޑަކޮށްފައެވެ. ދެހާސް އަށާރަ ވަނަ އަހަރުގެ ފަހު ކުއާޓަރުގައި ޕީއެސްއެމްގެ އޮޕަރޭޓިން ހަރަދު 15 މިލިއަނުގައި ހުރިއިރު، މިއަހަރުގެ ފުރަތަމަ ކުއާޓާގައި އެ އަދަދު ވަނީ ހަ މިލިއަނުގަ އެވެ.
ހިސާބުތައް ދައްކާގޮތުން، އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޕީއެސްއެމްއަށް ސަރުކާރުން 43 މިލިއަން ރުފިޔާ ދިނެވެ.
ޕީއެސްއެމްގެ ދަރަނި އަދާކުރުމަށް ނުކުޅެދިފައިވާ ކަމަށް ޕްރައިވަޓައިޒޭޝަން ބޯޑުން އެކުލަވައިލި ރިޕޯޓުގައި ވަނީ ވަނީ ބުނެފައެވެ. އެ ރިޕޯޓުގައިވަަނީ ޕީއެސްއެމްގެ ދަރަނި ހުރީ 89 މިލިއަން ކަމަށެވެ. ނަމަވެސް ޕީއެސްއެމަށް ލިބެންޖެހޭ ފައިސާ އެބަހުރިކަމަށާއި، އެ ފައިސާ ހޯދުން އަވަސް ކުރުމަށް ވެސް ރިޕޯޓްގައި ލަފާދީފައިވެއެވެ.