ޕީޕަލްސް ނެޝަނަލް ކޮންގްރެސް

ރާއްޖެ ކުރިއަރަމުންއައި ބާރުމިން މިވަނީ ހުއްޓުމަކަށް އައިސްފައި: ސައީދު

ތަރައްގީގައި ރާއްޖެ ކުރިއަރަމުން އައި ބާރުމިން މިހާރު ހުއްޓުމަކަށް އައިސްފައިވާ ކަމަށް އިދިކޮޅު، ޕީޕަލް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ނެ ގާއިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސޮވަރިން ޑިވެލޮޕްމެންޓް ފަންޑް (އެސްޑީއެފް) އަށް މިދިޔަ ހަފުތާއާ ހަަމައަށް 570 މިލިއަން ރުފިޔާ ޖަމާ ކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނުމާ ގުޅިގެން، ކުރި ޕޯސްޓެއްގައި ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި، އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ސައީދު ވިދާޅުވީ، އެއީ ރާއްޖޭގެ ތަރައްގީ ބާރު ސްޕީޑްގައި ކުރިއަށް ގެންގޮސް ވާރުތަވަމުން އައި ދަރަނީގެ އަޅުވެތިކަމުން ސަލާމަތްކޮށް ތަހުޒީބު މުޖުތަމައެއް ބިނާ ކުރުމަށް ރައީސް ޔާމީން އުފެއްދެވި ފަންޑެއް ކަމަށެވެ.

ދިވެހިންގެ އަތުން ބީވެގެންދިޔަ ތަރައްގީ އަނބުރައި ހޯދުމަށް ރައީސް ޔާމީން ފަސް އަހަރު ދުވަހުގެ ތެރޭގައި ކުރެއްވި މަސައްކަތަށް ދިވެހި ތާރީހު ހެކިވާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ. ސައީދު ވިދާޅުވީ، ހިތާމައަކީ، 2013 ވަނަ އަހަރުން 2018 އަށް ރާއްޖެ ކުރިއަރަމުންއައި ބާރު ސްޕީޑް ހުއްޓުމަކަށް އައިސް އިގުތިސާދީ މާޔޫސްކަމެއްގައި އޮތުން ކަމަށެވެ.

ފިނޭންސް މިނިސްޓްރީން ނެރުނު މިދިޔަ ހަފުތާގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި މި އަހަރު ސޮވެރިން ޑިވްލޮޕްމަންޓް ފަންޑް (އެސްޑީއެފް) އަށް 705.6 މިލިއަން ރުފިޔާ ޖަމާ ކުރަން ކަނޑައަޅާފައި ވާއިރު މިހާތަނަށް 570 މިލިއަން ރުފިޔާ ވަނީ ޖަމާ ކޮށްފަ އެވެ.

ސޮވަރިން ފަންޑަކީ ކުއްލި ހާލަތުގައި ކުރިމަތިވެދާނެ ކަމަކަށްޓަކައި އަދި ތަރައްގީގެ އެކި މަޝްރޫއުތައް ހިންގަން ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމުގައި އިގުތިސޯދަށް އަތުވެދާނެ ލޮޅުމަކުން ލިބޭ ގެއްލުން ފޫބެއްދުމަށްޓަކައި ސަރުކާރުން އުފައްދާފައިވާ ހާއްސަ ފަންޑެކެވެ.

އެ ފަންޑަށް މި އަހަރު ޓްރާންސްފާކަން ބަޖެޓްކޮށްފައިވަނީ 705.6 މިލިޔަން ރުފިޔާ އެވެ. މި ފައިސާ ޖަމާކުރަނީ 2017 ވަނަ އަހަރުން ފެށިގެން ނަގަމުން އަންނަ އެއާޕޯޓް ޑިވެލޮޕްމެންޓް ފީ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ދޭ ހިދުމަތްތަކުގެ އަގަށް ބަދަލު ގެނެސްގެން އިތުރުވާ ފައިސާ އިންނެވެ.