ބާ ކައުންސިލް

ވަކީލުންގެ ތެރެއިން ޖޭއެސްސީއަށް މެންބަރަކު ހޮވަން އިންތިހާބު ބާއްވަން އީސީން އެހީވަނީ

މަރިޔަމް ޝަހުދާ

ގާނުނީ ވަކީލުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން، (ޖޭއެސްސީ)އަށް މެންބަރަކު އައްޔަން ކުރަން ބާ ކައުންސިލުުން ބާއްވާ އިންތިހާބުގެ ކަންތައް ކުރިއަށް ގެންދަން، އިލެކްޝަން ކޮމިޝަން (އީސީ)ން އެހީވާން ނިންމައިފިއެވެ.

އެ އިންތިހާބަށް އީސީން އެހީވާން ނިންމާފައި މިވަނީ، ގާނޫނީ ފަންނުގެ ގާނޫނުގައި ވަކީލުންގެ ތެރެއިން ޖޭއެސްސީއަށް އައްޔަންކުރާ މެންބަރު އިންތިހާބު ކުރަން ބާއްވާ އިންތިހާބަށް ވަގުތު ކުޑަތަންވެފައިވާތީއެވެ.

ބާ ކައުންސިލްގެ އެގްޒެކްޓިވް ކޮމިޓީއަށް މެންބަރުން އިންތިހާބު ކުރަން ބާއްވާ ފުރަތަމަ އިންތިހާބު އިލެކްޝަންސް ކޮމިޝަނުން ބާއްވާން ޖެހޭނެ ކަމަށް ގާނޫނީ ފަންނުގެ ގާނޫނުގައި ބުނެފައި ވީނަމަވެސް އެ ގާނޫނުގެ 69 ވަނަ މާއްދާގައި ބުނެފައިވަނީ، ޖޭއެސްސީއަށް އިންތިހާބު ކުރާ ގާނޫނީ ވަކީލު އިންތިހާބު ކުރުމަށްޓަކައި ބާއްވަން ޖެހޭ ފުރަތަމަ އިންތިހާބު ބާ ކައުންސލްގެ އެގްޒެކްޓިވް ކޮމިޓީ އިންތިހާބު ކުރެވޭ ދުވަހުން ފެށިގެން ގިނަވެގެން 15 ދުވަހުގެ ތެރޭގައި ބާއްވަން ޖެހޭނެ ކަމަށެެވެ.

ބާކައުންސިލްގެ އެގްޒެކްޓިވް ކޮމިޓީއަށް ރައީސާއި ނާއިބު ރައީސް އާއި މެންބަރުން އިންތިހާބުކޮށްފައިވަނީ މިމަހު 14 ގައެވެ. އެހެންކަމުން ޖޭއެސްސީއަށް އައްޔަންކުރާ ވަކީލު ހޮވަން އިންތިހާބު ބާއްވަން ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތު މިމަހު 28 އަށް ހަމަވާނެ އެވެ.

ވަކީލު ހޮވަން ބާއްވާ އިންތިހާބަށް އީސީން އެކީތެރިކަންދޭން ނިންމިކަން، އީސީންނާއި ބާ ކައުންސުލްގެ ރައީސް މައުމޫނު ހަމީދުވެސް ވަނީ ޔަގީންކޮށްދެއްވައިފައެވެ.

އިލެކްޝަނުން ކުރި ޓްވީޓެއްގައި ބުނީ ގާނޫނީ ވަކީލުންގެ ތެރެއިން ޖޭއެސްސީއަށް އައްޔަން ކުރާ ވަކީލަކު އިންތިހާބު ކުރުމުގައި ބާ ކައުންސިލަށް ބޭނުންވާ އެހީތެރިކަން ހުރިހާ ގޮތަކުން އިލެކްޝަންސް އިން ފޯރުކޮށް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދު ވިދާޅުވީ ޖޭއެސްސީއަށް ގާނޫނީ ވަކީލަކު އައްޔަން ކުރަން ބާއްވާ އިންތިހާބުގައި އީސީގެ އެހީތެރިކަން ހޯއްދަވާނެ ކަމަށެވެ. އެގޮތުން ޓެކްނިކަލް، ލޮޖިސްޓިކްސް އަދި އެޑްމިނިސްޓްރޭޓިވް ކަންކަމުގައި އިލެކްޝަންގެ އެހީތެރިކަން ހޯދާނެ ކަމަށް މައުމޫން ވިދާޅުވިއެވެ.

ބާ ކައުންސިލުގެ ވަކީލުންގެ ފަރާތުން ޖޭއެސްސީއަށް މެބްބަރު ހޮވުމަށް ބާއްވާ އިންތިހާބަށް ކުރިމަތިލާން އެ ކައުންސިލުން މިހާރު ވަނީ ހުޅުވާލާފައެވެ.

މި އިންތިހާބު ބާއްވަން ހަމަޖައްސާފައިވަނީ މިމަހު 27 ގައެވެ.