އިސްލާމިކް މިނިސްޓްރީ

ހައްޖުވެރިންނާއި އެ މީހުންގެ އާއިލާތައް އެއާޕޯޓަށް ހިލޭ ގެންގޮސްދޭގޮތަށް ހަމަޖައްސައިފި

މިއަހަރު ހައްޖަށް ދާ މީހުންނާއި އެމީހުންގެ އާއިލާތަކުގެ އިތުރުން ރަަހުމަތްތެރިން އެއާޕޯޓަށް ހިލޭ ގެންގޮސްދިނުމަށް ސަރުކާރުން ނިންމާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝާފިއު އަލީ ވިދާޅުވީ، ހައްޖުވެރިންނާއި އެ މީހުންގެ އާއިލާތައް އެއާޕޯޓަށް ގެންދާނީ ހިލޭ ކަމަށާއި އެ އިންތިޒާމް އެމްޓީސީސީ އާއި އެމްއޭސީއެލްއާ ގުޅިގެން މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.

އަދި ހައްޖަށްދާ ފުރަތަމަ ގްރޫޕު ފުރާނީ އަންނަ އާދީއްތަ ދުވަހު ކަމަށާއި އެދުވަހު ހެނދުނު ފުރަން ހަމަޖެހިފައިވަނީ ޒައީމާ ގްރޫޕުން ހައްޖަށް ދާ 84 ހައްޖުވެރިން ކަމަށް އޭނާ ވިދާޅުވިއެވެ.

އާދީއްތަ ދުވަހުން ފެށިގެން އަންނަ އޮގަސްޓް މަހުގެ ފަހެއްގެ ނިޔަލަށް ހައްޖުވެރިން ފުރަން ހަމަޖެހިފައިވާކަމަށް ވެސް ވިދާޅުވިއެވެ.

ޝާފިއު ވިދާޅުވީ ހައްޖުވެރިންނާއި އެމީހުންގެ އާއިލާތަކާއި ގާތް އެކުވެރިން އެއާޕޯޓަށް ގެންގޮސްދިނުމަށް ހަމަޖެހިފައިވަނީ އެމްޓީސީސީގެ ބަހުގައި ކަމަށެވެ.

އެ މިނިސްޓްރީން ވަނީ މާލެ އާއި ހުޅުމާލޭގައި ތިބި ހައްޖުވެރިން ފުރާ ގަޑީގެ ހަތަރު ގަޑިއިރު ކުރިން އެއާޕޯޓަށް ދިއުމަށާއި އަދި ވިލިމާލޭގައި ތިބި ހައްޖުވެރިން ހަތަރު ގަޑިއިރާއި 15 މިނެޓް ކުރިން ޓާމިނަލަށް ދިއުމަށް ވެސް އިލްތިމާސްކޮށްފައެވެ.

މީގެއިތުރުން ހައްޖުވެރިންނަށް ސައޫދީ އަރަބިއްޔާއިން ކަންކަން ފަހިކޮށްދިނުމުގެ ގޮތުން ހައްޖު މިޝަންގެ ޓީމެއް މިހާރު ސައޫދީ އަރަބިއްޔާއަށް ގޮސްފައިވާކަމަށް ޝާފިއު ވިދާޅުވިއެވެ.

އަދި މިއަހަރު ހައްޖުވެރިންނަށް އެހީވުމަށްޓަކައި ފުލުހުންނާއި ސިފައިންގެ އެހީތެރިކަންވެސް ލިބޭނެކަން ފާހަގަކުރައްވައި ޝާފިއު ވިދާޅުވީ މާލޭ ބަސްޓާމިނަލާއި އެއާޕޯޓުގައި ކާރޫބާރު ބޮޑުވާނެތީ އެތަންތަނުގެ އިންތިޒާމްތައް ސިފައިންނާއި ފުލުހުން ބަލަހައްޓަމުންދާނެ ކަމަށެވެ. އަދި ވިލިމާލޭގައި ތިބޭ ހައްޖުވެރިން މާލެއަށް ދަތުރުކުރުމުގައި ވެސް ސިފައިން އެހީތެރިވާނެ ކަމަށް ވިދާޅުވިއެވެ.