އަބްދުއްލަތީފް މުހައްމަދު

މިހާރު މެންބަރުން އަނދަގޮނޑި ޖަހައިގެން ނުގެންގުޅެވޭނެ: މެންބަރު ލަތީފް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަނދަގޮނޑި ޖަހައިގެން މި ޒަމާނުގައި ނުގެންގުޅެވޭނެ ކަމަށާއި ރައީސް ޔާމީނަށް ފެނިވަޑައިގެން އެދިޔައީ އެ ގޮތަށް މެންބަރުން ގެންގުޅުއްވަން އުޅުއްވުމުގެ ހިތި ކަމަށް ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު މުހައްމަދު ވިދާޅުވެއްޖެ އެވެ.

ލަތީފު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މިއަދު ކުރިޔަށް ދިޔަ އެންޓި ޑިފެކްޝަން ބިލު އުވައިލުމުގެ ބަހުސް މަރުހަލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ ބިލު މިއަދު ވަނީ ހަތް މެންބަރުންގެ ކޮމެޓީ އަކަށް ފޮނުއްވަން ފާސްކޮށްފަ އެވެ.

ލަތީފު ވިދާޅުވީ ރައީސް ޔާމީން އާއި މެޑަމް ފާތުން ބޭނުންފުޅުވީ މަޅިފަތީގައި މެންބަރުން ޖައްސަވައިގެން ގެންގުޅުއްވަން ކަމަށާއި އެހެން ނަމަވެސް މިޒަމާނުގައި އެހެން އެކަން ނުކުރެއްވޭނެ ކަމަށެވެ.

"އަނދަގޮނޑި ޖަހައިގެން ނޫނީ މަޅިފަތީގައި ޖައްސައިގެން މިޒަމާނަކު ނުގެންގުޅެވޭނެ. 23 ސެޕްޓެމްބަރުގަ މެޑަމް ފާތުން އަދި ރައީސް ޔާމީނަށް ފެނިވަޑައިގެން އެދިޔައީ އެކަން." ލަތީފު ވިދާޅުވި އެވެ.

ލަތީފު އިތުރަށް ވިދާޅުވީ ޕީޕީއެމް އޭގަ ހައްގުވެރި ފަރާތް ކަމަށްވާ ރައީސް މައުމޫނަށް ސުޕްރީމް ކޯޓުން ވަރަށް އަވަހަށް ލިބިވަޑައިގަންނަވާނެ ކަމަށް ވެސް އުއްމީދު ކުރައްވާ ކަމަށެވެ.

ލަތީފު މިމޭރުމުން ވާހަކަދެއްކެވުމާ ގުޅިގެން ފޮނަދޫ ދާއިރާގެ މެންބަރު އަބްދުރަހީމް އަބްދުﷲ (އަދުރޭ) ވަނީ ލަތީފަށް ބަހުގެ ހަމަލާ ތަކެއް ވެސް ދެއްވައިފަ އެވެ. އަދި ލަތީފުގެ ހޫނު ހަމަލާތަކެއް ވެސް ވަނީ އަދުރޭ އަށް ރައްދުވެގެން ގޮސްފަ އެވެ.

ދިއްދޫ ދާއިރާގެ މެންބަރު ލަތީފު އަކީ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަނުން ކަނޑައެޅި 12 މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އެހެން ނަމަވެސް ގިނަ ދުވަސް ތަކަކަށް ފަހު އެ 12 މެންބަރުންގެ ގޮނޑި ވެސް ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ. އެ ހުކުމާ އެކު ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ވެސް ވަނީ އިދިކޮޅަށް ލިބިފަ އެވެ.