މުހައްމަދު އައުޒަމް
އިންޑޮނީޝިއާގެ ޖަކާޓާއިން ފުރައިގެން ޕަންގްކަލް ޕިނަންގްއަށް 189 މީހުންނާއެކު ދަތުރުކުރި ލަޔަން އެއާގެ ފްލައިޓު ވެއްޓުމާ ގުޅިގެން އެގައުމުގައި ދަތުރުކުރާ ބޯއިންގް 737 މެކްސް 8 މަރުކާގެ ހުރިހާ ބޯޓުތަކެއް އިންސްޕެކްޓް ކުރުމަށް އިންޑޮނީޝިއާއިން ފަށައިފިއެވެ.
ލަޔަން އެއާގެ ފްލީޓުގައި ބޯއިންގް 737 މެކްސް 8 މަރުކާގެ 11 ބޯޓު ހިމެނޭއިރު އިންޑޮނީޝިއާގެ ޤައުމީ އެއާލައިން ގަރޫޑާގައި މި މަރުކާގެ އެއް ބޯޓު ހިމެނެއެވެ. އިންޑޮނީޝިއާގެ ޓްރާންސްޕޮޓޭޝަން މިނިސްޓްރީގެ އޮފިޝަލަކު ވަނީ ގަރޫޑާގެ އެއާކްރާފްޓް އިންސްޕެކްްޓްކޮށް ނިމިފައިވާ ކަމަށް ބުނެފައެވެ.
ލަޔަން އެއާ ގްރޫޕުގެ މެނޭޖިން ޑިރެކްޓަރު މީޑިއާއަށް މައުލޫމާތުދެއްވަމުން ވިދާޅުވެފައިވަނީ ޓްރާންސްޕޯޓު މިނިސްޓްރީން ލަޔަން އެއާގެ ބޯޓުތައް އިންސްޕެކްޓް ކުރަމުންދާ ކަމަށެވެ. އަދި އިންސްޕެކްޓްއަށް ފަހު ނަތީޖާ ލިބުމުން ދެން އަމަލު ކުރާނެ ގޮތެއް ނިންމަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ވެއްޓުނު ލަޔަން އެއާ ބޯޓުން ދަތުރުކުރި އެއްވެސް މީހަކު ދިރިހުއްޓާ ފެނުމުގެ އުންމީދު ކަނޑާލާފައިވީ ނަމަވެސް ސާޗް އެންޑް ރެސްކިއު ޓީމުތަކުން ހޯދާ ބަލާ ސަރަހައްދު ފުޅާކޮށް މިހާރު ވަނީ 400 ނޯޓިކަލް މޭލަށް އިތުރުކޮށްފައެވެ. އިންޑޮނީޝިއާ ފުލުހުން ވަނީ މިހާތަނަށް 24 މީހުންގެ ހަށިގަނޑު ބޮޑީ ބޭގްގައި ސަރަހައްދީ ހޮސްޕިޓަލްއަށް ގެންގޮސް ޕޯސްޓްމޯޓަމްގެ މަސައްކަތް ފަށައިފައެވެ. މީހުން ވަކިކުރުމަށް ފަސިންޖަރުންނާ ގުޅުން ހުރި އާއިލާތަކުގެ 132 މީހުންގެ ޑީއެންއޭ ވަނީ ނަގައިފައެވެ.
ވެއްޓުނު ބޯޓުގެ ބައިތައް ފެންނަން ފަށާފައިވާއިރު ފަސިންޖަރުންނަށް ނިސްބަތްވާ ތަކެތިވެސް ފެންނަމުންދާ ކަމަށް މީޑިއާއިން މައުލޫމާތުދެއެވެ.
އިންޑޮނީޝިއާގެ ރައީސް ޖަކޯ ވިޑޯޑޯ ވަނީ ބޯޓުގެ ބައިތަކާއި ސާޗް ޓީމުތަކަށް ފެންނަމުންދާ ސާމާނު އެއްކުރާ ޓަންޖުންގ ޕޯޓަށް ޒިޔާރަތް ކޮށްފައެވެ. އަދި ސާޗް ޓީމުތަކާ ބައްދަލުކޮށް ވަނީ ހިތްވަރު ދެއްވާފައެވެ.
ޖަކާާޓާގެ އެއާޕޯޓުން ނައްޓާލުމާއެކު އަނބުރާ އެއެއާޕޯޓަށް ޖެއްސުމަށް އެ ބޯޓުން ވަނީ ޓަވަރުގައި އެދެފައެވެ. އަދި އޭގެ ކުޑައިރުކޮޅެއް ފަހުން ބޯޓާ ގުޅުން ކެނޑުނު ކަމަށް އޮފިޝަލުން މައުލޫމާތު ދެއެވެ.
ލަޔަން އެއާގެ ބޯޓު ވެއްޓުނު އިރު އެ ބޯޓުން 181 ފަސިންޖަރުންނާއި 8 ފަޅުވެރިން ދަތުރު ކުރިއެވެ.