އެމްއެމްޕީއާރްސީ

ތުހުމަތުތަކަށް ޖަވާބުދާރީވުމުގެ ފުރުސަތަކަށް އާތިފު އެދިވަޑައިގެންފި

އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން މަރުކަޒީ ބޭންކުގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ ކުރީގެ އިސްވެރިޔަކަށް ހުންނެވި އާތިފް ޝަކޫރުގެ މައްޗަށް ކުރާ ތުހުމަތުތަކަށް ޖަވާބުދާރީވުމުގެ ފުރުސަތަކަށް އޭނާ އެދިވަޑައިގެންފިއެވެ.

އާތިފު އެގޮތަށް އެދިވަޑައިގެންފައިވަނީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ބީއެމްއެލްގެ އިސްވެރިން އިއްޔެ ހާޒިރުކޮށް އެބޭފުޅުން ޖަވާބުދާރީ ކުރުމުން ދެއްވާފައިވާ މައުލޫމާތުތަކާއި ގުޅިގެން، އެކޮމެޓީގެ މުގައްރިރު ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒަށް މިއަދު ފޮނުއްވި ސިޓީއެއްގައެވެ.

މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރުމުން ބީއެމްއެލް އިން ބުނީ އެ ބޭންކުން މައްސަލަ ހުށަހެޅުމާއެކު އެފްއައިޔޫއިން އެކަށީގެންވާ ފިޔަވަޅު އެޅި ނަމަ އެމްއެމްޕީއާރުސީ އާއި އެސްއޯއެފްގެ މުއާމަލާތްތައް ހުއްޓުވުނީސް ކަމަށެވެ.

އަދި އެސްއޯއެފްގެ އެކައުންޓް ހިފަހައްޓާފައި ވަނިކޮށް، އެއީ ގާނޫނީ ގޮތުން ބޭންކަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ލަފާ ދެއްވީ އާތިފް ޝަކޫރާއި ޑެޕިއުޓީ ގަވަރުނަރު ނީޒާ އިމާދު ކަމަށް ވެސް އެ ބޭންކުން ކޮމެޓީގައި ބުނެފައިވެއެވެ. އެ އިރުޝާދާ އެއްގޮތަށް އެސްއޯއެފްގެ އެކައުންޓް ދޫކޮށްލި ކަަމަށް ވެސް ބޭންކުން ބުންޏެވެ.

އެމްއެމްއޭގެ އިސްވެރިންނާއި އޭސީސީން ކޮމެޓީގައި ދެއްކެވި ވާހަކަތަކާއި ގުޅިގެން އާތިފު މިއަދު މަޖިލީހަށް ފޮނުއްވި ސިޓީގައި ވަނީ އެފްއައިޔޫގެ ހެޑްގެ ގޮތުގައި އޭނާ ވަޒީފާ އަދާކުރެއްވި ހަތް މަހުގެ ތެރޭގައި އޭނާ މަސްއޫލިއްޔަތު އަދާކުރެއްވި ގޮތުގެ ތަފްސީލް ކޮމެޓީއަށް ދެއްވައި ޖަވާބުދާރީވެވަޑައިގަންނަވަން ބޭނުންވާ ކަމަށެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ހިނގައިދިޔަ އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތާ ގުޅިގެން އޭސީސީން ވަނީ ގިނަ ފަރާތްތަކާއި ސުވާލުކޮށް، އަދި ބައެއް މީހުންގެ މައްޗަށް ދައުވާ ކުރަންވެސް ފޮނުވާފައެވެ.