ބ. ފެހެންދޫ ދަރިވަރުން އެއަތޮޅު ގޮއިދޫ ސުކޫލަށް ދިޔުމަށް ދަތުރުކުރާނެ ރަނގަޅު ފެންވަރުގެ އުޅަނދެއް ހޯދަން އެޑިއުކޭޝަން މިނިސްޓްރީން އިއުލާންކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ފެހެންދޫ ދަރިވަރުން ދަތުރުކުރުމަށް އުޅަނދެއް ހޯދުމަށް މާދަމާއިން ފެށިގެން މިމަހުގެ 22 ގެ ނިޔަލަށް ހުޅުވާލައިފައިވާކަމަށެވެ.
އަދި ނަން ނޯޓު ކުރުން ރަސްމީ ކޮންމެ ދުވަހަކު 9:00 އިން މެންދުރު 1:00 އަށް ކުރިޔަށް ދާނެ ކަމަށް މިނިސްޓްރީ އިން ބުންޏެވެ. މަސައްކަތާއި ބެހޭގޮތުން ބާއްވާ މައަލޫމާތު ދިނުމުގެ ބައްދަލުވުން 23 ޖުލައި ގައި ބާއްވާނެ ކަމަށާއި ބިޑް ހުޅުވުން އޮންނާނީ 29 ޖުލައިގަ ކަމަށް އިއުލާންގައި ބުނެފައިވެއެވެ.
މިދިޔަ ޖޫންމަހުގެ ތިން ވަނަ ދުވަހު ފޮރިން މިނިސްޓްރީން ބުނެފައިވަނީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ދީފައިވާ 106 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ތެރެއިން ފެހެންދޫގެ ކިޔަވާ ކުދިން އެ އެރަށާ އެއްފަޅެއްގައި އޮންނަ ގޮއިދޫ ސްކޫލަށް ކިޔަވަން ދިޔުމަށް ރަނގަޅު ފެންވަރުގެ ފެރީއެއް ހަމަޖެއްސުމަށް 1.5 މިލިއަން ރުފިޔާ ކަނޑައަޅައިފައިވާކަމަށެވެ.
ރަށުގެ އާބާދީ ކުޑަވުމުގެ ސަބަބުން ކުރީގެ ފެހެންދޫ ސްކޫލް ބަންދުކުރުމާ ގުޅިގެން، ފެހެންދޫ ކިޔަވާކުދިން ތައުލީމު އުނގެނެމުން ދަނީ އެއް ފަޅެއްގައި އޮންނަ ބ. ގޮއިދޫ ސްކޫލަށް ކުޑަ ޑިންގީއެއްގައެވެ.