މިފްކޯ

މިފްކޯގެ ހާލަތު ގޯހުން ގޯހަށް، އަނެއްކާވެސް 100 މިލިއަން ރުފިޔާ ޕަންޕުކުރަނީ

މިފްކޯގެ ހާލަތު އިތުރަށް ގޯސްވެ މަސްވެރީން އަތުން މަސްގަނެ ފައިސާ ނުދެވޭ ހާލަތަށް ކުންފުނި ދިއުމާ ގުޅިގެން އަނެއްކާ ވެސް އިތުރު 100 މިލިއަން ރުފިޔާ ޕަންޕުކުރަން ނިންމައިފި އެވެ.

"ވަން އޮންލައިން" އަށް ދެއްވި އިންޓަވިއުއެއްގައި މީގެ އިރުކޮޅެއް ކުރީން ފިޝަރީޒް މިނިސްޓަރު ޑރ މުހައްމަދު ޝައިނީ ވިދާޅުވީ 100 މިލިއަން ރުފިޔާ ފަންޑެއް މި ކަނޑައެޅީ މަސްވެރީން އަތުން މެދުނުކެނޑި މަސް ގަނެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ކަމަށެވެ.

މިނިސްޓަރު ޝައިނީ ވިދާޅުވީ އެ 100 މިލިއަން ރުފިޔާގެ ތެރެއިން 50 މިލިއަން ރުފިޔާ ސަރުކާރުން ދޭން ނިންމާފައި ވާ އިރު އަނެއް 50 މިލިއަން ޕަންޕުކުރާނީ މިފްކޯ ނުވަތަ އެސްޓީއޯގެ ތެރެއިން ކަމަށެވެ.

ޝައިނީ ވިދާޅުވީ މަސްވެރީން ކިރާ މަހަށް ލާރި ނުދެވި ހުރެގެން ނުވާނެ ކަމަށް ރިޔާސީ އިންތިޚާބުގެ ތެރޭގައި ރައީސް ހުވަދުއަތޮޅަށް ކުރެއްވި ދަތުރުފުޅެއްގައި ވިދާޅުވެފައިވާ ކަމަށާއި އޭރު މަސްވެރީންނަށް ދޭން ހުރި ހުރިހާ ފައިސާއެއް ބަލައި ސަރުކާރުން އެކަން ހަމަޖެއްސި ކަމަށެވެ.

"އެހެން އޮއްވާ އަނެއްކާވެސް އަޅުގަނޑުމެންނަށް މަސްވެރީންގެ ފަރާތުން ޝަކުވާ މި އަންނަނީ މަސް ކިރާފަ ފައިސާކޮޅު ނުލިބޭ ކަމަށް. އެކަން ބެލި އިރު އަނެއްކާވެސް މި އުޅެނީ ފައިސާ ނުދެވިގެން. އެހެންވެ ރައީސް ރިޔާސަތު ބެލެހެއްޓެވި ބައްދަލުވުމެއްގައި މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި މި ނިންމީ މަސްވެރީން ކިރާ މަސް މެދުނުކެނޑި ގަނެވޭނެ ގޮތެއް އިންތިޒާމް ކުރަން 100 މިލިއަން ރުފިޔާ ގެ މެޗިން ފަންޑެއް ހަމަޖައްސަން." މިނިސްޓަރު ޝައިނީ ވިދާޅުވި އެވެ.

ޝައިނީ ވިދާޅުވީ މިފްކޯގެ ފެލިވަރު ފެކްޓަރީ އަޕްގްރޭޑް ކުރުމަށް ވެސް ސަރުކާރުން ބޮޑެތި ހޭދަ ތަކެއް ކުރައްވާފައިވާ ކަމަށާއި އެހެން ނަމަވެސް މާކެޓުކޮށްގެން ވިޔަފާރި ލިބެން އިތުރު ތިން މަހެއްހައި ދުވަސް އަދިވެސް ބޭނުންވާ ކަމަށް މިފްކޯ އިން އޭރު ބުނެފައިވާ ކަމަށެވެ.

ޝައިނީ ވިދާޅުވީ މި 100 މިލިއަނުގެ ތެރެއިން ފިނޭންސް މިނިސްޓްރީން ދޭން ނިންމި 50 މިލިއަނުގެ އެއްބަސްވުމައި މިދިޔަ މަހުގެ ތެރޭގައި ސޮއިކޮށްފައިވާ ކަމަށާއި އެ ފައިސާ ވެސް މިހާރު ދޫކޮށްފައިވާނެ ކަމަށް ގަބޫލުކުރެއްވޭ ކަމަށެވެ. އެހެން ނަމަވެސް އެފައިސާ މިފްކޯ އަށް ދޫކުރިކަން އަދި ވަނީ ކަށަވަރު ނުވެފަ އެވެ.

މިފްކޯގެ މާލީ ހާލަތު ގޯސްވެ ބަނގުރޫޓު ވެދާނެ ކަމުގެ ބިރު ހީވެފައި ވަނިކޮށް އެ ކުންފުނި އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރީ ރައީސް ޔާމީންގެ ސަރުކާރުގައި 29 ސެޕްޓެމްބަރު 2016ގަ އެވެ.