އެމްއެމްއޭގެ ތެރެއިން ހިނގާފައިވާ ކަމަށް ބުނާ މަނީ ލޯންޑާ ކުރުމުގެ މައްސަލަ އާ ގުޅިގެން، އެމްއެމްއޭގެ ގަވަރުނަރު އަހުމަދު ނަސީރަށް ކުރެވޭ ތުހުމަތު ތަކަކާ ގުޅިގެން މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރަން މިއަދު ނިންމައިފިއެވެ.
މިފަހަރު ގަވަރުނަރު ކޮމިޓީއަށް ހާޒިރުކުރަން ނިންމާފައިވަނީ، މަނީލޯންޑާ ކުރުމުގެ މައްސަލަތައް ފުލުހުންނަށް ރިޕޯޓް ކުރަން ގަވަރުނަރު ހުރަސް އެޅުއްވި ކަމަށްބުނެ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ހިންގެވުމާ ކުރިން ހަވާލުވެ ހުންނެވި އަބްދުﷲ އަޝްރަފް ކޮމިޓީއަށް ހުށަހެޅި މައްސަލައާ ގުޅިގެން، އެއަށް ރައްދު ދެއްވައި ގަވަރުނަރު ފޮނުއްވާފައިވާ ސިޓީއަކާ ގުޅިގެންނެވެ.
މި މައްސަލައިިގައި ގަވަރުނަރުގެ އިތުރުން، އެފްއައިޔޫގެ ކުރީގެ ހެޑް އަބްދުﷲ އަޝްރަފު ވެސް ކޮމިޓީއަށް ހާޒިރުކުރަން މިއަދު ވަނީ ނިންމައިފައެވެ.
އެފްއައިޔޫ އަކީ އެމްއެމްއޭގެ ހިޔާނާތް ހުއްޓުވުމަށް، ގާނޫނަކުން އުފައްދާފައިވާ މިނިވަން ޔުނިޓެކެވެ.
ގާނޫނުގައި ބުނެފައިވާގޮތުގައި، އެފްއައިޔޫ އަށް ގަވަރުނަރަށް އެއްްވެސް ބާރެއް ނުފޫޒެއްވެސް ނުފޯރުވޭނެއެވެ.
އެފްއައިޔޫގައި އެންމެ އިސްކޮށް ހުންނަވަނިކޮށް މީގެކުރިން އަޝްރަފު ވަނީ ކުއްލިއަކަށް އެހެން މަގާމަކަށް ބަދަލުކޮށްފައެވެ. އޭނާ ބަދަލުކުރީ މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބު ކައިރިވެފައި ވަނިކޮށް މޯލްޑިވްސް އިސްލާމިކް ބޭންކުގައި އޮންނަ އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށް އަދި ނެގުމުގެ މައްސަލަ އެފްއައިޔޫ އިން ފުލުހުންނަށް ހުށައަޅާފައި ވަނިކޮށެވެ.