ކަނޑުމަތީގެ ހާދިސާތައް

ހިލަވެލި ހިފައިގެން ދަތުރުކުރި ދޯންޏެއް ހުޅުމާލެ ކައިރިން އަޑިޔަށް ހިނގައްޖެ

މަރިޔަމް ޝަހުދާ

ހިލަވެލި ހިފައިގެން ދަތުރުކުރަމުން ދިޔަ ދޯންޏެއް ހުޅުމާލެ ކައިރިއަށް ހިނގައްޖެ އެވެ.

އެމްއެންޑީއެފުން މައުލޫމާތު ދިންގޮތުގައި އަޑިޔަށް ގޮސްފައިވާ ''ދުވެލި'' ކިޔާ ދޯނީގައި ތިބީ ހަތަރު މީހުންނެވެ. އެއީ ތިން ބިދޭސީންނާއި ދިވެއްސެއް ކަމަށާއި އެ ދޯނި އަޑިޔަށް ދިޔުމާއެކު މި ހަތަރު މީހުންވެސް ފަތާފައިގޮސް ހުޅުމާލެއަށް އަރާފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

މިއަދު ހެނދުނު 11:30 ހާއިރު ހިނގި މި ހާދިސާގައި އަޑިޔަށް ދިޔަ ދޯނި ފެންމަތި ކުރުމަށް ދޯނީގެ ވެރިފަރާތާއި އެމްއެންޑީއެފްގެ ކޯސްޓް ގާޑު ގުޅިގެން މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން މައުލޫމަތު ދެއެވެ. އެގޮތުން މިވަގުތު އެމްއެންޑީއެފްގެ ކޯސްޓް ގާޑުގެ ޑައިވަރުން ދޯނި ކައިރީ ހަރަކާތްތެރި ވަމުން އަންނަ ކަމަށް ވެސް މައުލޫމަތު ދެއެވެ.