އިބްރާހިމް ޒަކީ
ރާއްޖޭގެ މަހާއި މަހުގެ ބާވަތްތައް ޔޫރަޕަށް އެތެރެކުރުން ވަގުތުން ހުއްޓާލާ މިންވަރަށް ރާއްޖޭގައި ކުރާ ލޭނު މަސްވެރިކަމުގެ މަސްލަހަތު ގޯސްފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ އިގުތިސާދީ ސަރަހައްދުގައި ބޭރުގެ ބޯޓު ފަހަރުން ދާއަޅައިގެންކުރާ މަސްވެރިކަން ހުއްޓުވައި ދިވެހިންނަށް އެކަމަށް ފުރުސަތު ހުޅުވާލުމަށް ފިޝަރީޒް މިނިސްްޓްރީ އަށާއި، ރައީސުލް ޖުމްހޫރިއްޔާއަށް އިލްތިމާސްކޮށް ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ހުށަހެޅުއްވި ގަރާރަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްގެންދިޔަ ބަހުސްގެ ތެރެއިން، އެކަންތަކާމެދު ސަރުކާރުގެ ހުރި ކަންބޮޑުވުންތައް ހާމަކޮށް ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ 100 މޭލު ބޭރުގައި ލޭނު އަޅާ މަސްވެރިކަން ކުރަން ދޫކޮށްފައިވާ ހުއްދަ އާ ނުކުރަން ނިންމާފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ވޭތުވެދިޔަ ތަނުގައި ލޭނު އަޅައިގެން މަސްވެރިކަން ކުރުމުގައި ލައިސަންސް ދީގެން 5 ކުންފުންޏެއްގެ 28 އުޅަނދު ހަރަކާތްތެރިވެފައިވާ ކަމަށެވެ. އަދި އެ ފަރާތްތަކަށް ލައިސަންސް ދޫކޮށްފައިވަނީ، ކަމާބެހޭ ގާނޫނުން އުފެދިފައިވާ ގަވާއިދުގެ ދަށުން ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ސަރުކާރުން ތަސައްވަރުކުރި ގޮތާ ހިލާފަށް، އެ ބޯޓުތަކުން ލޯބޮޑު ކަންނެލީގެ ބަދަލުގައި ގިނަ އަދަދެއްގެ ރީނދޫ އުރަހަ ކަންނެލި ހިފާފައިވެއެވެ.
އެ މަސްވެރިކަން އިތުރަށް ދިރާސާކޮށް ބެލުމުން، އިންޑިއާ ކަނޑުގައި މަނާ ކުރެވިފައިވާ، އެޓްސީ ޓްރާންޝިޕްމަންޓް "ކަނޑުމަތީގައި އެއް އުޅަންދު އަނެއްް އުޅަނދަށް މަސް ބަދަލުކުރުން" އެ އުޅަނދު ފަހަރުން ކުރިއަށް ގެންދާ ކަމަށާއި، ހިއުމަންޓްރެފިކިން އާއި ފޯސްލޭބާގެ އަލާމަތްތައް އެ އުޅނދުފަހަރުން ފެނިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްތަރު ވިދާޅުވީ، މިދިޔަ އޭޕްރީލްމަހު ރާއްޖެއަށް ޒިޔާރަތްކުރި، އީޔޫގެ މެރިޓައިމް އެފެއާސް އެންޑް ފިޝަރީސް ވަފުދުން، ލޭނު މަސްވެރިކަމުގައި ހިންގާ ގާނޫނާއި ގަވާއިދާ ހިލާފު ކަންތައްތަކާމެދު ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެމަސްވެރިކަމުގެ އަސްލު ފައިދާ ލިބެނީ ފަރުދާގެ ފުރަގަހުގައި ހަރަކާތްތެރިވާ ބިދޭސީންނަށް ކަމަށް އީޔޫގެ ވަފުދުން ފާހަގަކޮށްފައިވާ ކަމަށެވެ. އަދި ލޭނު މަސްވެރިކަމުގައި ހިންގާ ގާނޫނާއި ގަވާއިދާ ހިލާފު ކަންތައްތައް ކޮންޓްރޯލްކޮށް އެކަށީގެންވާ ގޮތެއްގައި ނުބެލެހެއްްޓޭނަމަ ރާއްޖޭގެ ދޮށީގެ އަދި އަތު ނަނުގެ މަސްވެރިކަމުގެ ތަސައްވުރު ޔޫރަޕުުގެ މާކެޓްތަކަށް ބަދަލުވެ، ރާއްޖޭގެ މަސް ޔޫރަޕަށް އެތެރެކުރުމަށް ދަތިތަކެއް ކުރިމަތިވެދާނެކަމުގެ އިންޒާރު ދިން ކަމަށްވެސް ވިދާޅުވިއެވެ.
"ލޭނު މަސްވެރިކަމުގައި ހިންގާ ގާނޫނާއި ގަވާއިދާ ހިލާފު ލޭނު މަސްވެރިކަމުގައި ހިންގާ ހަރަކާތްތަކުގެ ސަބަބުން، އެއްވެސް މަސްވެރިކަމެއް އިސްތިސްނާ ކުރުމެއްނެތި ދިވެހި ރާއްޖޭގެ މަހާއި މަހުގެ ބާވަތްތައް ވަގުތުން ވަގުތައް ޔޫރަޕަށް އެތެރެކުރުން ހުއްޓާލާ މިންވަރަށް ލޭނު މަސްވެރިކަމުގެ މަސްލަހަތު ހުރިކަން އެފަރާތްތަކުން ފާހަކުރައްވާ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެކަންތައްތަކަށް ބަލައި ލޭނު މަސްވެރިކަމުގެ ހަގީގީ ނަފާ ދިވެހި މަސްވެރިންނަށް ލިބިދިނުމުގެ މަސައްކަތް އަލުން ފެއްޓުމަށް ލޭނު މަސްވެރިކަމުުގެ އާ ގަވާއިދެއް އެކުލަވާލައި ދިވެހި މަސްވެރިންނަށް އެކަށީގެންވާ މިންގަނޑު ތަކެއްގައި ބަނދެފައިވާ ބޯޓު ފަހަރުގައި ލޯބޮޑު ކަންނެލީގެ މަސްވެރިކަން އަލުން ހުޅުވާލުމަކީ ސަރުކާރުުގެ އަމާޒެއް ކަމަށެވެ.
އަދި މިހާރު ތައްޔާރު ކުރެވިފައިވާ މަސްވެރިކަމުގެ ބިލަކީ، މަސްވެރީންގެ މިފަދަ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދީ، މިސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ ހިތްތަކަށް ތަސައްލީ ލިބޭގޮތަށް ފަރުމާ ކޮށްފައިވާ ބިލެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެހެންކަމުން އެ ބިލު މަޖިލީހަށް ދިއުމުން ވީހާވެސް އަވަހަކަށް ފާސްކޮށްދެއްވުމަށް މަޖިލީހުގެ މެންބަރުންނަށް މިނިސްޓަރު އިލްތިމާސް ކުރެއްވިއެވެ.