ޝަހީދާ އަބްދުﷲ ސައީދު
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ދެކުނު އިރުމަތީ އޭޝިޔާ ސަރަހައްދަށް ކަނޑައަޅުއްވާފައިވާ ރީޖަނަލް ޑިރެކްޓަރު ޑރ. ޕޫނަމް ކެތްރަޕާލް ސިންގ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފިއެވެ.
މިއީ އެކަމަނާ ދެވަނަ ދައުރަކަށް ހޮވިވަޑައިގެންނެވި ފަހުން ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީދަތުރުފުޅެވެ.
ހެލްތު މިނިސްޓްރީން ބުނީ، ޑރ. ޕޫނަމް ކެތްރަޕާލް ސިންގ މިމަހުގެ 14 އިން 16 އަށް ކުރައްވާ މިދަތުރުފުޅުގައި މައިގަޑު 4 އިވެންޓެއް ކުރިޔަށްދާނެ ކަމަށެވެ.
އެގޮތުން މައިމީހާގެ ފަރާތުން ކުޑަދަރިފުޅަށް އެޗްއައިވީ އަދި ސިފިލިސް ވާސިލްނުވާ ގައުމެއް ކަމުގައި ދިވެހިރާއްޖެ ކަނޑައަޅުއްވާ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ދެއްވާ ''އެލިމިނޭޝަން އޮފް މަދަރ ޓު ޗައިލްޑް ޓްރާންސްމިޝަން އޮފް އެޗް.އައި.ވީ އެންޑް ސިފިލިސް'' ގެ ރަސްމީ ލިޔުން ދިވެހިރާއްޖެއާ ހަވާލުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ދިވެހިރާއްޖެއަކީ ދެކުނު އިރުމަތީ އޭޝިޔާ ސަރަޙައްދުން މިބަލި ނައްތާލެވުނު ދެވަނަ ގައުމެވެ.
އަދި 2030 ވަނަ އަހަރަށް ރާއްޖެއިން ލެޕްރަސީ އެއްކޮށް ނައްތާލުމަށް މަސައްކަތް ކުރާނެގޮތުގެ ފްރޭމެވޯކް އަދި ދުނިޔޭގެ ވައިނުސާފުވުމާއި ގުޅިގެން ފަށާފައިވާ ބައިނަލްއަގުވާމީ ''ބްރީދްލައިފް'' ކެމްޕެއިން ރާއްޖޭގައި އިފްތިތާހު ކުރުމަށްވެސް ހަފްލާތަކެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.
މީގެއިތުރުން ސިއްހީ ދާއިރާ ކުރިއެރުވުމަށް ކުރެވޭ ޓެކްނޮލޮޖީގެ ބޭނުން ފުޅާކުރުމަށް ސިއްހީ ޚިދުމަތްތެރިންގެ މައުލޫމާތު ބެލެހެއްޓުމަށް އެކުލަވާލެވިފައިވާ ''ހިއުމަން ރިސޯސް ފޯރ ހެލްތު'' ޕްލެޓްފޯމް، އަދި ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލް ކުރުމަށް މާލެ އާއި އަތޮޅުތެރޭގައި ކުރެވޭ މަސައްކަތް މޮނިޓާކޮށް ވަކި މިންގަނޑަކަށް ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭނެ މޯބައިލް އެޕްލިކޭޝަނެއް ލޯންޗް ކުރެވިގެންދާނެކަމަށެވެ.
އަދި ދުޅަހެޔޮ ސިއްހަތަަކަށް މަގުފަހިކުރުމަށް ކަސްރަތުކުރުމާއި ހެލިފެލިވެ އުޅުމަށް ބާރުއެޅުމުގެ ގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ހަދިޔާ ކުރަމުންދާ އައުޓްޑޯ ޖިމް އާލާތްތަކުގެ އިތުރު ސެޓްތަކެއް މިހަފްލާގައި ރީޖަނަލް ޑިރެކްޓަރު ހެލްތު މިނިސްޓްރީއާ ހަވާލުކުރާނެއެވެ.
މީގެ އިތުރުން ނާއިބު ރައީސް ފައިސަލް ނަސީމާއި ހެލްތު މިނިސްޓްރީގެ އިސް ފަރާތްތަކާ ވެސް ރީޖަނަލް ޑިރެކްޓަރުގެ މިދަތުރުފުޅުގައި ބައްދަލުކުރައްވާނެއެވެ.
މި ބައްދަލުވުންތަކުގައި ދިވެހިރާއްޖޭގެ ސިއްހީ ހާލަތު އިތުރަށް ހަރުދަނާކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ އެހީތެރިކަން ފޯރުކޮށްދެވިދާނެ ގޮތްތަކާ ގުޅޭގޮތުންނާއި ކުރިއަށް އޮތް އަހަރަށް ރޭވިފައިވާ މަސައްކަތްތަކާ މެދު ވެސް މަޝްވަރާކުރާނެއެވެ.
އަދި ދެކުނު އިރުމަތީ އޭޝިޔާ ސަރަހައްދަށް ކަނޑައެޅިފައިވާ ޓާގެޓްތައް ހާސިލްކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ދިވެހިރާއްޖެއަށް އެހީތެރިކަން ބޭނުންވާ ދާއިރާތަކާ ގުޅޭ މަޝްވަރާތައްވެސް ކުރިއަށްގެންދެވޭނެއެވެ.
ހެލްތް މިނިސްޓްރީން ބުނި ގޮތުގައި، މިސަރަހައްދުގެ ގައުމުތަކުން ބަލިތައް ކޮންޓްރޯލްކޮށް ނައްތާލުމާއި ސިއްހީގޮތުން ދިމާވާ ކުއްލި ހާލަތްތަކަށް ތައްޔާރުވެ ތިބުމާއި ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތައް ހަމަހަމަކަމާއިއެކު ފޯރުކޮށްދިނުމަށް މަސައްކަތްކުރުމަކީ ރީޖަނަލް ޑިރެކްޓަރުގެ އެންމެ އިސްކަމެއްދެއްވައިގެން ކުރާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.