ބާ ކައުންސިލްގެ ވޯޓު އަލުން ގުނުމުން ވެސް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު އަނާރާ ނައީމް، އެއް ވޯޓުގެ ފަރަގުން އެގްޒެކެޓިވް ކޮމިޓީގެ މެމްބަރު ކަމަށް އިންތިހާބުވެއްޖެއެވެ.
އިއްޔެ ބޭއްވި ބާ ކައުންސިލްގެ އިންތިހާބުގައި އަނާރާއާއި އަބްދުލް މާނިއު ހުސައިންއާ ދެމެދު އެއް ވޯޓުގެ ފަރަގެއް އޮތުމުން އަލުން ވޯޓު ގުނުމަށް އެދި ވަނީ ޝަކުވާ ހުށަހަޅައިފައެވެ.
އެ ޝަކުވާއާ ގުޅިގެން އަލުން ވޯޓު ގުނުމަށްފަހު، އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ރަސްމީ ނަތީޖާ އިއުލާންކޮށްފައެވެ. ވޯޓު އަލުން ގުނުމުން ވެސް އަނާރާ އާއި މާނިއުއަށް ކުރިން ލިބުނު ވޯޓުގެ އަދަދަށް ބަދަލެއް އައިސްފައެއް ނުވެއެވެ. އަނާރާއަށް 343 ވޯޓު ލިބިފައިވާ އިރު، މާނިއުއަށް ލިބިފައިވަނީ 342 ވޯޓެވެ.
ބާ ކައުންސިލްގެ ރައީސްކަމުގެ މަގާމަށް ކުރީގެ ބަންޑާނައިބު ހުސްނުއްސޫއުދާ ވާދަކޮށް، އިންތިހާބު ކާމިޔާބުކުރެއްވީ މަޝްހޫރު ގާނޫނީ ވަކީލު މައުމޫން ހަމީދެވެ. މައުމޫން ހަމީދަށް 543 ވޯޓު ލިބިވަޑައިގެންނެވި އިރު، ސުއޫދަށް ލިބިވަޑައިގަތީ 401 ވޯޓެވެ.
ނައިބު ރައީސްކަމުގެ މަގާމަށް މުހައްމަދު ހަލީމްއާ ވާދަކޮށް، އިންތިހާބު ކާމިޔާބުކުރެއްވީ އަބްދުﷲ މުއިއްޒެވެ. މުއިއްޒަށް 792 ވޯޓު ލިބިވަޑައިގެންނެވި އިރު، ހަލީމަށް ލިބިވަޑައިގަތީ 139 ވޯޓެވެ.
އަނާރާގެ އިތުރުން ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުކަމަށް އިންތިހާބުވެވަޑައިގެންނެވީ މުހައްމަދު ފައިސަލްއާއި އަހްމަދު މުއިއްޒާއި އާއިޝާ ޝުޖޫން މުހައްމަދާއި އަނަސް އަބްދުއްސަތާރާއި މުހައްމަދު އަސީލް ހަސަނެވެ.