ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކުއަށް، ތިނަދޫ ދެކުނު ދާއިރާގެ މެންބަރ ސައުދުﷲ ހިލްމީ ''މުޅޯއްޓެއް'' ހަދިޔާ ކުރައްވަން ނިންމަވައިފިއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސައުދުﷲ ހިލްމީ ވިދާޅުވީ ތިނަދޫ ރައްޔިތުންގެ ފަރާތުން ނިހާންއަށް ''މުޅޯއްޓެއް'' ހަދިޔާ ކުރައްވަން ނިންމެވީ ތިނަދޫ ރައްޔިތުންނަށް ނިސްބަތްވާ ގޮތަށް ނިހާން މަލާމާތުގެ ބަސްތަކެއް ވިދާޅުވެފައިވާތީ ކަމަށެވެ.
ސައުދުﷲ ވިދާޅުވި ގޮތުގައި ނިހާންގެ އެވާހަކަތަކުން ދޭހަކޮށްދެނީ ތިނަދޫ ރައްޔިތުންނަކީ އެއްވެސް އަގެއް ނެތް ބައެއްގެ ގޮތުގައެވެ. ނިހާންއަށް ހަދިޔާ ކުރާނެ ކަމަށް ވިދާޅުވި މުޅޯށި ހިއްޕަވައިގެން މަޖިލީސް އިދާރާ ބޭރުގައި ހުންނަވައިގެން މީޑިއާއާ ވާހަކަދައްކަވަމުން ސައުދުﷲ ވިދާޅުވީ މިއަދު ބާއްވާ ޖަލްސާއަށް މުޅޯށި ވައްދާނެ ކަމަށެވެ.
ތިނަދޫ ރައްޔިތުންނަށް ނިސްބަތްވާ ގޮތަށް ނިހާނު މަލާމާތުގެ ބަސްތަކެއް ވިދާޅުވި ކަމަށް ސައުދުﷲ ވިދާޅުވި ނަމަވެސް ނިހާން ދެއްކެވި ވާހަކަތަކެއް އޭނާ ހާމައެއް ނުކުރައްވައެވެ.
މުޅޯއްޓަކީ ދިވެހިން ދަނޑުވެރިކަން ކުރުމާއި، މަސައްކަތްތެރިކަމުގައި އިހުޒަމާނުގައި ވަރަށް ގިނައިން ބޭނުންކުރި އެއްޗެކެވެ. ފަނުން ވިޔެފައި ހުންނަ ''މުޅޯށި'' އާންމުކޮށް ބޭނުންކުރަނީ އެއްތަނުން އަނެއްތަނަށް ކުދި ސާމާނު އުފުލުމަށާއި އަންހެންވެރިން ކަނޑޫ ފަަލަށް ދާއިރު، ކަނޑޫ އެޅުމަށެވެ.