ވިމް ޕްރޮފެޝަނަލް އެންޑް ކެރިއަރ ވިމެން އެވޯޑްސް 2019

ވިމް އެވޯޑްސް: އަންހެނުންނަށް އެންމެ ރަނގަޅު ފުރުސަތުތައް ފަހިކޮށްދިނުމުގެ އެވޯޑް މޯލްޑިވިއަން އަދި އެލައިޑަށް

ވިމެން އިން މެނޭޖްމެންޓް މޯލްޑިވްސް، (ވިމް) އިން އަންހެނުންގެ ގައުމީ ޚިދުމަތުގެ އަގު ވަޒަންކޮށް ހިތްވަރުދިނުމުގެ ގޮތުން ދެމުން އަންނަ، "ޕްރޮފެޝަނަލް އެންޑް ކެރިއަރ ވިމެން އެވޯޑްސް 2019" ގެ "ބެސްޓް އޯގަނައިޒޭޝަން ފޮ ޕްރޮމޯޓިން ވިމެން އިން ވޯކް ޕްލޭސް" ގެ އެވޯޑް މޯލްޑިވިއަން އަދި އެލައިޑަށް ލިބިއްޖެ އެވެ.

މޯލްޑިވިއަން އަދި އެލައިޑަށް މި އެވޯޑް ދިނީ، ވިމް އެވޯޑްސް ދިނުމަށް ފެކަލްޓީ އޮފް ހެލްތު ސައިންސް ގެ އޮޑިޓޯރިއަމް ގައި ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ހަފުލާގައި އެވެ.

މޯލްޑިވިއަންގެ ފަރާތުން އެވޯޑާ ހަވާލުވެވަޑައިގެންނެވީ ޑެޕިޔުޓީ މެނޭޖިންގް ޑައިކްޓަރު ޖެނީފާ ލަތީފު އެވެ. އެލައިޑްގެ ފަރާތުން އެވޯޑާ ހަވާލުވެވަޑައިގެންނެވީ ފައިނޭންޝިއަލް ކޮންޓްރޯލަރު އާއިޝަތު ޝިޒްނާ އެވެ.

މި އެވޯޑަކީ، ވަޒީފާގެ މާހައުލުގައި އަންހެނުންނަށް ހޯދައިދޭ ހަމަހަމަ ފުރުސަތު ތަކާއި، އެ މާހައުލުގައި އަންހެނުންނަށް ހޯދައިދޭ ރައްކާތެރިކަން ފަދަ ކަންކަމަށް ބެލުމަށް ފަހު، އެ ކުންފުނިތަކަށް ވިމް ގެ ފަރާތުން ދޭ އެވޯޑެކެވެ.

މި އަހަރުގެ ވިމް އެވޯޑް ތަފާތު 16 ދާއިރާއަކުން 29 ކަނބަލަކަށް ވަނީ ދީފަ އެވެ. ވިމް އެވޯޑުގެ ޖަޖިން ޕެނަލްގައި ހިމެނިވަޑައިގަންނަވަނީ ސްރީލަންކާގެ ތިން ބޭފުޅުންނާއި ރާއްޖޭގެ ދެބޭފުޅުންނެވެ. ރާއްޖޭގެ ފަރާތުން ޕެނަލްގައި ހިމެނިވަޑައިގަންނަވަނީ އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑައިރެކްޓަރު އަހުމަދު އައްފާލް އާއި ސިމްޑީ ގުރޫޕުގެ ސީއީއޯ ޑރ. މަރިޔަމް ޝަކީލާ އެވެ.

މި އެވޯޑުގެ އޮފިޝަލް އޮންލައިން މީޑިއާ ޕާޓްނަރަކީ ވަން އޮންލައިން އެވެ.