އިސްލާމިކް މިނިސްޓްރީ

ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމުގެ ފުރުސަތު އަލުން ހުޅުވާލައިފި

މަރިޔަމް ޝަހުދާ

ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމުގެ ފުރުސަތު އަލުން ހުޅުވާލައިފި އެވެ.

އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލުން ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލީ އެތައް ބަޔެއްގެ އެދުމުގެ މަތީންނެވެ.

މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި މިއަހަރުގެ އޭޕްރީލް މަހު ދެވަނަ ދުވަހުން އޭޕްރީލް 28ގެ ނިޔަލަށް ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދި ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި އެކި ސަބަބުތަކާ ހެދި ފޯމު ހުށަހަޅާފައިނުވާ ފަރާތްތަކުގެ ޝަކުވާ އެ މިނިސްޓްރީއަށް ވަނީ ލިބިފައެވެ. އަދި މި ދަފްތަރުގައި ރަޖިސްޓްރީވުމުގެ އިތުރުން ކުރިން އެކުލަވާލާފައިވާ ފަގީރުންނާއި މިސްކީނުންގެ ދަފްތަރަށް ޝަކުވާ ހުށަހެޅުމަށްވެސް ހުޅުވާލައިފައިވާ ކަމަށް މިނިސްޓްރީ އިން އިއުލާނުކޮށްފައި ވެއެވެ.

އެގޮތުން ފަގީރުންގެ ދަފްތަރަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު 15 ޖުލައި އިން 17 ޖުލައި އަށް ހުޅުވާލާނެ ކަމަށް މިނިސްޓްރީ އިން މައުލޫމާތު ދެއެވެ. އަދި ދަފްތަރުގައި ރަޖިސްޓްރީ ވުމަށް އެދި ފޯމު ހުށަހެޅުމަށް 15 ޖުލައި އިން އެކެއް އޮގަސްޓުގެ ނިޔަލަށް ހުޅުވާލާނެ ކަމަށް މިނިސްޓްރީ އިން މައުލޫމާތު ދެއެވެ.

އެގޮތުން މާލޭގައި ނަމަ ދަފްތަރުގައި ރަޖިސްޓްރީ ވުމަށާއި ދަފްތަރާއި ގުޅިގެން ޝަކުވާ ހުށަހަޅަން ޖެހޭނީ މިނިސްޓްރީ އަށް ކަމަށާއި އަތޮޅުތެރެއިން ނަމަ އެރަށެއްގެ ކައުންސިލް މެދުވެރިކޮށް ފޯމާއި ޝަކުވާ ހުށަހެޅުމުގެ އިންތިޒާމް ހަމަޖައްސާފައިވާކަމަށް މިނިސްޓްރީ އިން މައުލޫމާތު ދެއެވެ.