މާލިއްޔަތު ކޮމެޓީ

ކޮރަޕްޝަން ތަހުގީގުކުރަން އޭސީސީއާއި ރިޔާސީ ކޮމިޝަނާ ގުޅިގެން އިންވެސްޓިގޭޝަން ޓީމެއް ފުލުހުން އެކުލަވައިލަނީ

އިބްރާހިމް ޒަކީ

ކޮރަޕްޝަންގެ މައްސަލަތައް ބަލަން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަނާއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފުލުހުން ގުޅިގެން، ހިޔާނާތުގެ މައްސަލަތައް ތަހުގީގު ކުރުމަށް ރަސްމީކޮށް ޖޮއިންޓް އިންވެސްޓިގޭޝަން ޓީމެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލަ ތަހުގީގު ކުރުމުގެ ކަންތައް ކުރިއަށްގެންދާގޮތާބެހޭ މައުލުމާތު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފުލުހުން ހާޒިރުކޮށް މިއަދު ކުރިޔަށްގެންދިޔަ އެ ކޮމިޓީގެ ބައްދަލުވުމުގައި، މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން، އެސިސްޑެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ، އޭސީސީއާއި ޕްރެޒިޑެންޝަލް ކޮމިޝަނާއި ފުލުހުން ގުޅިގެން ރަސްމީކޮށް އެކުލަވާލުމާބެހޭ އެއްބަސް ވުމުގައި މި ހަފުތާ ނިމޭ ހިސާބުގައި ސޮއިކުރެވޭވަރުވާނެ ކަމަށެވެ.

ރިޔާޒު ވިދާޅުވީ، ޖޮއިންޓް އިންވެސްޓިގޭޝަން ޓީމެއް މިހާތަނަށް ނެތް ކަމުގައިވިޔަސް އެމްްއެމްޕީއާރުސީގެ ހިޔާނާތުުގެ މައްސަލަތަކުގެ ތަހުގީގުވެސް ކުރިއަށް ގެންދަނީ އެ ތިން ފަރާތް ގުޅިގެން ކަމަށާއި، އެއްފަރާތުން އަނެއް ފަރާތަށް މައުލުމާތާއި ޓެކްނިކަލް އެކްްސްޕަޓީސް ހިއްސާ ކުރެވިގެން ކަމަށެވެ.

ރިޔާޒު ވިދާޅުވީ، އެމްއެމްޕީއާރުސީގެ ތަހުގީގު ކުރިއަށް ގެންދިއުމަށް އެއްވެސް ފަރާތަކުން ދަތިކަމެއް ކުރިމަތި ނުކުރާ ކަމަށެވެ. އަދި ކަމާބެހޭ މައްސަލައަށް ބޭނުންވާ މައުލޫމާތު ހޯދުމަށް ސަރުކާރުގެ ހުރިހާ ވުޒާރާއެއްގެ އެއްބާރުލުން ލިބެމުން އަންނަ ކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ.