ބާ ކައުންސިލް

ދެ ކެންޑިޑޭޓެއްގެ ޝަކުވާއާ ގުޅިގެން ބާ ކައުންސިލް އިންތިހާބުގެ ވޯޓު ފޮށިތައް އަލުން ގުނަނީ

އިބްރާހިމް ޒަކީ

ބާ ކައުންސިލުގެ އެގްޒެކްޓިވް ކޮމިޓީގެ އިންތިހާބުގެ ވޯޓު ފޮށިތައް އަލުން ގުނަން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އެ ވޯޓު ފޮށިތައް އަލުން ގުނަން ނިންމާފައިވަނީ، އިއްޔެ ބޭއްވި ވޯޓު ލުމުގައި ވޯޓު ގުނައި އިލެކްޝަންސް ކޮމިޝަނުން ރޭ ވަގުތީ ނަތީޖާ އިއްުލާންކޮށްފައިވާއިރު، އެގްޒެކްޓިވް ކޮމިޓީއަށް އިންތިހާބު ކުރަންޖެހޭ 6 ކެނޑިޑޭޓުންގެ ވޯޓުގައި ދެ ކެނޑިޑޭޓެއްގެ ދެމެދުގައި އެއް ވޯޓުގެ ފަރަގު ހުރުމުގެ ސަބަބުން ކެނޑިޑޭޓަކު ހުށަހެޅި ޝަކުވާއަކާ ގުޅިގެން ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ރޭ އިއުލާންކުރި ވަގުތީ ނަތީޖާ ދައްކާގޮތުން، ބާ ކައުންސިލުގެ އެގްޒެކްޓިވް ކޮމިޓީގެ އިންތިހާބު ކާމިޔާބުކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނައީމް އާއި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހައްމަދު މުއިއްޒު އާއި އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރާއި ސިވިލް ކޯޓުގެކުރީގެ ގާޒީ އައިޝާ ސުޖޫން، އާއި މުހައްމަދު ފައިސަލްގެ އިތުރުން މުހައްމަދު އަސީލް ހަސަން އެވެ.

ނަމަވެސް ލިބިވަޑައިގެން ވޯޓުގެ ފަރަގު ކުޑަކަމުން، އެ ބޭފުޅުން އިންތިހާބު ކާމިޔާބު ކުރެއްވިކަން ޔަގީން ވާނީ އިލެކްޝަންސް ކޮމިޝަނުން މިއަދު އިއުލާން ކުރަން ހަމަޖެހިފައިވާ، އެ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރުމުންނެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް އުފައްދާ ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި ތިއްބަވާނީ ރައީސާއި ނައިބު ރައީސާއި ބަންޑާރަ ނައިބުގެ އިތުރުން ހަ މެމްބަރެކެވެ.

އޭގެ ތެރެއިން ބަންޑާރަ ނައިބު ފިޔަވައި، އެހެން ހުރިހާ ބޭފުޅުން ވެސް އިންތިހާބު ކުރާނީ ވަކީލުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

މިއިންތިހާބުގައި ވަގުތީ ނަތީޖާ ދައްކާގޮތުން، ކައުންސިލްގެ ރައީސްކަމުގެ މަގާމުގެ އިންތިހާބު، ގާނޫނީ ވަކީލު މައުމޫން ހަމީދު ވަނީ ކާމިޔާބު ކުރައްވައިފައެވެ.

އަދި ނާއިބު ރައީސް ކަމުގެ އިންތިހާބު ކާމިޔާބު ކުރެއްވީ ކުރީގެ އެޓަނީ ޖެނެރަލް އަބުދުﷲ މުއިއްޒު އެވެ.