މިނިސްޓަރު ޒަހާ ވަހީދު

މަސްވެރިންނަށް ''ވެސެލް ލޮކޭޓިން ޑިވައިޒަސް''ގެ ހިދުމަތް ހިލޭ ދެނީ

ޝަހީދާ އަބްދުﷲ ސައީދު

ވޯލްޑް ބޭންކުގެ އެހީގައި މަސްވެރިންނަށް ''ވެސެލް ލޮކޭޓިން ޑިވައިޒަސް''ގެ ހިދުމަތް ހިލޭ ދިނުމަށް ތައްޔާރުވަމުން އަންނަ ކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.

ގދ. ތިނަދޫގައި ރޭ ބޭއްވި ''ޖަޒީރާ ހޮޅުއަށި'' ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވީ އެމިނިސްޓްރީން މިހާރު ހިންގަމުންދާ ވޯލްޑް ބޭންކުގެ މަޝްރޫއުގެ ތެރެއިން ''ވެސެލް ލޮކޭޓިން ޑިވައިޒަސް''ގެ ހިދުމަތް ހިލޭ ދިނުމަށްޓަކައި މިހާރު އެ މަޝްރޫއު ޓެންޑާ ކުރުމުގެ މަރުހަލާގައިވާކަމަށެވެ.

އަދި އެ ހިދުމަތް ވަރަށް އަވަހަށް މަސްވެރިންނަށް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި އެމަޝްރޫއުގެ ދަށުން ބައެއް ކަހަލަ އެޕްލިކޭޝަންތައް ހިލޭ ލިބިގެންދާނެ ކަމަށް މިނިސްޓަރު ޒަހާ ވިދާޅުވިއެވެ.

އޭގެ ތެރޭގައި މަސްވެރިކަމުގެ މޫސުމާއި، މަސްވެރިންނަށް ރަނގަޅު ސަރަހައްދުތަކާއި، ނެޓްވޯކް ނުލިބޭ ހިސާބު މާކަނޑުގައި އުޅޭއިރު، ސޯޝަލް މީޑިއާ އެޕްސް ލިބޭގޮތް ހަމަޖެހިގެންދާނެ ކަމަށާއި އޭގެ ސަބަބުން އާއިލާއާ މުވާސަލާތު ކުރެވޭނެ މަގު ފަހިވެގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ. ޒަހާ ވިދާޅުވީ އެކަމަށް ފީ އެއް ނެގި ނަމަވެސް ބޮޑު ހަރަދެއް ނުދާނެ ކަމަށެވެ.

މިނިސްޓަރު ޒަހާ ވިދާޅުވީ މީގެކުރިން މަސްވެރިންނަށް ވީއައިޑީ ހަރުކުރުން ވެގެންދިޔައީ ބޮޑު ތަކުލީފަކަށް ކަމަށާއި މިފަހަަރު ''ވެސެލް ލޮކޭޓިން ޑިވައިޒަސް''ގެ ހިދުމަތް ހޯދުމަށް ބޮޑެތި ތަކުލީފެއް އުފުލަން ނުޖެހޭނެ ކަމަށެވެ.

މީގެއިތުރުން މަސްވެރިޔާގެ ކާޑު ތައްޔާރުކުރުމުގެ މަސައްކަތްވެސް މިހާރު ކުރިއަށްދާކަމަށާއި އަދި މަސްދޯނި ފަހަރު ރަޖިސްޓްރީކުރުމުން، ޑިއުޓީ މާފުކޮށްފައިވާ ޑީސަލް ދޫކުރުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ކަމަށާއި އެމަސައްކަތް ފެށުމުގެ ކުރިން މިނިސްޓްރީގެ ޓީމަކުން، އަންނަ ހަފްތާގައި މަސްވެރިންނާއި ބައްދަލުކުރުމަށް ހަމަޖެހިފައިވާކަމަށް ވެސް ޒަހާ ވިދާޅުވިއެވެ.

ޒަހާ ވިދާޅުވީ ވޯލްޑް ބޭންކުގެ އެހީގެ ދަށުން ގއ. މާނާގަލާގައި ހެޗަރީއެއް ހެދުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށާއި މާނާގަލާގައި ހަދާ ހެޗަރީގައި އާލާކުރާނެ އެންމެ ހާއްސަ ބާވަތަކީ ފާނަ އާއި ހުއިފިލަނޑާ ކަމަށެވެ.

އަދި ވޯލްޑް ބޭންކުގެ އެހީގައި ކުރިއަށްގެންދާ އެމަޝްރޫއުގެ ދަށުން ކ. މަނިޔަފުށީގައި މަސްވެރިކަމާ ގުޅޭ ތަމްރީންތައް ކުރިއަށް ގެންދިއުމަށްޓަކައި ތަމްރީން މަރުކަޒެއް އިމާރާތްކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް މިނިސްޓަރު ޒަހާ ވިދާޅުވިއެވެ.