ވިލިމާލޭ ގެއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފިއެވެ.
ފުލުހުން މިރޭ ބުނިގޮތުގައި އެމީހާ މަރުވެފައި އޮތް ކަމުގެ މައުލޫމާތު މޯލްޑިވްސް ޕޮލިސް ސާވިސްއަށް ލިބިފައި ވަނީ މިރޭ 22:10 ހާއިރުއެވެ.
ފުލުހުން ބުނީ މަރުވެފައި އޮއްވައި ފެނިފައި ވަނީ އުމުރުން 60 އަހަރުގެ ފިރިހެނެއް ކަމަށެވެ. ނަމަވެސް އެއީ ދިވެއްސެއް ކަމެއް ނުވަތަ ބިދޭސީއެއް ކަމެއް ފުލުހުން ހާމައެއްނުކުރެއެވެ.
އެމީހާ މަރުވެފައި އޮއްވައި ފެނުނީ މީހުން ދިރިއުޅޭ ގެއަކުން ކަމެއް ނުވަތަ ފަޅުގެއަކުން ކަމެއް ވެސް އަދި ނޭނގެއެވެ. ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެ މައުލޫމާތުތަކުގެ އިތުރަށް އެއްވެސް މައުލޫމާތެއް މިރޭ ފުލުހުން މީޑިއަށް ހިއްސާކޮށްފައެއް ނުވެއެވެ.