ށ. މިލަންދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރަން މިއަދު ބަޔަކާ ހަވާލުކޮށްފިއެވެ.
ހެލްތް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިލަންދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ފައިމީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު މުހައްމަދު ޒުހައިރުއެވެ.
މިލަންދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމުން ވެކްސިން ސްޓޯ ކުރާ ކޮޓަރިއަކާއި ކޮންފަރެންސް ހޯލެއް ވެސް ގާއިމުކުރަން ވަނީ ނިންމައިފަ އެވެ. މީގެ އިތުރުން ޑަޔަލިސިސް ހެދޭނެ ހިދުމަތާއި، އެކްސްރޭ ހިދުމަތް، ލޭބާ ރޫމާއި ދަތުގެ ފަރުވާއާއި، ފިޒިއޮތެރަޕީގެ ހިދުމަތާއި އިމަޖެންސީ ރޫމް، އަދި އަލްޓްރާ ސައުންޑް ސްކޭން ހިދުމަތްވެސް އެ ހޮސްޕިޓަލްގައި ފަށާނެއެވެ. މިހިދުމަތްތަކާއެކު ހޮސްޕިޓަލްގެ އެނދުގެ އަދަދު 35 އަށް ބަދަލުކޮށް ހަ ޕްރައިވެޓް ރޫމްވެސް ހުންނާނެއެވެ.
އާ ހޮސްޕިޓަލުން ހިދުމަތްދޭން ފަށާއިރު، ކުޑަކުދިންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުންނާއި އަންހެނުންނަށް ހާއްްސަ ޑޮކްޓަރުންނާއި، ހޭނައްތާ ޑޮކްޓަރާއި އޮޕަރޭޝަން ޑޮކްޓަރާއި އެތެރެހަށީގެ ޑޮކްޓަރުގެ ހިދުމަތް ވެސް ލިބިގެންދާނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ މިލަންދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމުން ރައްޔިތުންނަށް އެތައް ގޮތަކުން ފައިދާ ކުރާނެ ކަމަށެވެ.
މީގެ އިތުރުން މި ރަސްމިއްޔާތުގައި އައްޑޫ ހުޅުމީދު ސިއްހީ މަރުކަޒަށް އިތުރު ކުރާ ބައިގެ މަސައްކަތް ވެސް ހަވާލު ކުރީ ފައިމީ ކޮންސްޓްރަކްޝަން ލިމިޓެޑް އާއެވެ. އެ މަސައްކަތުގެ އެއްބަސްވުމުގައި މިއަދު ހެލްތް މިނިސްޓްރީން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު މުހައްމަދު ޒުހައިރެވެ.
މި ޕްރޮޖެކްޓް ފައިމީ ކޮންސްޓްރަކްޝަނާ ހަވާލުކުރީ 1.31 މިލިއަން ރުފިޔާ އަށެވެ. ޕްރޮޖެކްޓްފެ މަސައްކަތް 75 ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ.